ވިލާ ގްރޫޕުގެ އެއާލައިން ވިލާ އެއާއިން ފްލައިމީގެ ދަތުރުތައް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.
ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެކުންފުންނަށް ވަނީ ދައުލަތުގެ ތެރެއިން ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅާފައި އެވެ. އެގޮތުން ފްލައި މީއިން އެ ދެ ސިޓީއަށް ކުރި ދަތުރުތައް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.
ފްލައިމީ އިން ރަސްމީކޮށް އެކަން ހާމަ ނުކުރި ނަމަވެސް ރިޔާސި އިންތިހާބުގެ ފަހުން މިމަހުގެ 25 ވަނަ ދުވަހު ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދޮންދީނީގެ ފޮޓޯއެއް އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފައި އެވެ. އެއަށް ކޮމެންޓު ކުރި މީހުން ވަނީ އަނެއްކާވެސް އައްޑޫއަށް ދަތުރުތައް ފަށަން އުޅޭތީ އުފާވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޓިކެޓުގެ އަގު ތިރިވާނެ ކަމަށް ބުނެފަ އެވެ.
ފްލައިމީގެ އޮފިޝަލަކު މީޑިއާގައި މިއަދު ވިދާޅުވެފައިވަނީ އެ ދެ ސިޓީތައް ދަތުރުރައް އަލުން ފެށުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރުވެސް އެ ދެ ސިޓީ އާއި އިތުރު އަތޮޅުތަކަށް ދަތުރު ކުރުމުގެ ހުއްދައަށް އެދުނު ނަަމަވެސް ކާމިޔާބުވެފައި ނުވާކަމަށާއި އެކަމަކު މިފަހަރު ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ފްލައިމީގެ ދަތުރުތައް މިހާރު އޮންނަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ.
ފްލައިމީގެ ދަތުރުތައް އެންމެ ފުރަތަމަ ދެކުނަށް ބާއްވަން ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އެ ދަތުރުތައް ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް