ގއ. ފަޅުމާފުށީގައި އޮންނަ ދަ ރެސިޑެންސް އާއި އެ އަތޮޅު ދިގުރަށުގައި ހަދާ ރިސޯޓު ބްރިޖަކުން ގުޅާލައިފި އެވެ.
މިއީ ސެނިޒާރޯ ހޮޓެލްސްގެ ދެ ރިސޯޓެވެ. އެ ކުންފުންޏާއި ހަވާލާދީ ޓުރިޒަމް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ ރެސިޑެންސް އިން ދިގުރަށުގައި ހަދާ ރިސޯޓު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.
ބްރިޖަކުން މި ދެރަށް ގުޅާލާފައިވާތީ މި ރިސޯޓު ވެގެންދާނީ ރާއްޖޭގައި އޮތް ބޮޑު ރިސޯޓަށެވެ. ފަޅުމާފުށީގައި މަތީ ފެންވަރުގެ 94 ވިލާ ހުންނަ އިރު އަލަށް ހަދާ ދިގުރަށުގައި 173 ވިލާ ހުންނާނެ އެވެ.
އަލަށް ހަދާ ދިގުރަށުގައި ވޯޓާ ވިލާ އާއި ބީޗް ވިލާ ހުރެއެވެ. އަދި އެތަންތަން ހަދާފައިވަނީ ރާއްޖެއިން ލިބެންހުރި ތަކެތި ބޭނުން ކޮށްގެން ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ކޮޓަރިތައް ހަދާފައިވަނީ ގުރުދަރީ އަލި ކޮޓަރިތަކަށް ވަރަށް ބޮޑަށް ވަންނަ ގޮތަށެވެ.
އެ ރިސޯޓުގައި ހުރިހާ ވައްތަރެއްގެ ކެއުން ލިބޭ ދަ ޑައިނިން ރޫމް އާއި ލި ބައި، ޗައިނީސް ކެއުންތަކަށް ހާއްސަ ސިގްނޭޗާ ކެންޓޮނީސް ރެސްޓޯރަންޓް ކިޔާ ރެސްޓޯރަންޓެއް ވެސް ހުރެ އެވެ. އޭގެ އިތުރުން 42 މީޓަރުގެ އިންފިނިޓީ ޕޫލަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ޖިމް އެއް ވެސް ހުރެ އެވެ.
އެ ކުންފުނިން ބުނީ ދިގުރަށް ހެދުމުގައި ބޮޑަށް ވިސްނީ ބޮޑެތި އާއިލާތަކަށް އެކުގައި އައިސް ޗުއްޓި ހޭދަ ކުރާނެ ރީތި ތަނަކަށް ހެދުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް