ތުރުކީގެ ރައީސް، އިރާގުގެ ކުރުދީންނަށް އިންޒާރު ދެއްވައިފި

އިރާގުގައި ކުރުދީން ވަކި މިނިވަން ދައުލަތެއް އިއުލާނު ކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓެއް އިއްޔެ ނަގާފައިވާއިރު ތުރުކީގެ ރައީސް ތައްޔިޕް އުރުދުޣާން އިރާގުގެ ކުރުދީންނަށް އިންޒާރު ދެއްވައިފި އެވެ. އުރު...

25 Sep 2017 | 21:59

އިރާގުގައި ކުރުދީން ވަކި މިނިވަން ދައުލަތެއް އިއުލާނު ކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓެއް އިއްޔެ ނަގާފައިވާއިރު ތުރުކީގެ ރައީސް ތައްޔިޕް އުރުދުޣާން އިރާގުގެ ކުރުދީންނަށް އިންޒާރު ދެއްވައިފި އެވެ.

އުރުދުޢާން އިރާގުގެ ކުރުދީންނަށް އިންޒާރު ދެއްވާފައިވާއިރު ކުރުދީން އިއްޔެ ނެގި ވޯޓު ނުނެގުމަށް އުރުދުޣާން އޮތީ ގޮވާލައްވާފަ އެވެ. އަދި އދ އާއި ބައިނަލްއަގްވާމީ އެތައް ގައުމަކުން އެވޯޓު ނުނެގުމަށް އޮތީ ގޮވާލާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ އިރާގުގެ ކުރުދީންގެ ވޯޓު ބަލައި ނުގަނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އިރާގުގެ ކުރުދީންނާއި ވީފަޅީގައި ތުރުކީގެ އަސްކަރިއްޔާއިން ތަމްރީނުތަކެއް ކުރިއަށް އެބަ ގެންދާ ކަމަށާއި ބޯޑަރު ކައިރީގައި އަސްކަރިއްޔާ އެއޮތީ ކަމެއް ނެތިގެން ނޫން ކަމަށެވެ. އަދި ކޮންމެ ވަގުތަކުވެސް ތުރުކީ ސިފައިން އިރާގަށް އަރާފާނެ ކަމަށެވެ.

މީގެ އިތުރުން އިރާގުގެ ކުރުދީން އުޅޭ އުތުރުގެ ސަރަހައްދުތަކަށް ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުންވެސް ފިޔަވަޅުތަކެއް އަޅުއްވަފާނެ ކަމުގެ އިންޒާރުވެސް އުރުދުޣާން ދެއްވި އެވެ. އެގޮތުން އިރާގުގެ އުތުރުން ތުރުކީއާއި ގުޅާލާފައިވާ ތެޔޮ ހޮޅިތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގައިވެސް އުރުދުޣާން ވިދާޅުވެފައި ވެ އެވެ.

"އެމީހުންނަށް ދެން ތެޔޮ ވިއްކެނީ ކިހިނެއްތޯ ބަލަމާ،ވޭލްވް އޮތީ އަހަރުމެންގެ އަތުގައި، ވޭލްވް ބަންދުކޮށްފިނަމަ އެކަން ނިމުމަކަށް އަންނާނެ" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އިތުރަށް ވިދާޅުވެފައިވަނީ އިރާގާއި ތުރުކީއާއި ދެމެދުގައިވާ ބޯޑަރުވެސް އެއްކޮށް ބަންދުކޮށްލާނެ ކަމަށެވެ.

އިރާގުގެ އުތުރުގައި، ކުރުދީން އިއްޔެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ 5.2 މިލިޔަންގެ އާބާދީއެއް އޮންނަ ކުރުދީންގެ 78 އިންސައްތަ މީހުން ވޯޓުލާފައި ވެ އެވެ. ވޯޓުގެ ނަތީޖާ 72 ގަޑިއިރުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ކުރުދީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް