އުދަ އަރާފާނެ ކަމަށް ރައްކާތެރިވުމުގެ ގޮތުން މުޅި ރާއްޖޭގައި ފުލުހުންގެ ވަރުގަދަ އޮޕަރޭޝަނެއް

މިމަހުގެ 28 ވަނަ ދުވަހު ހިފާ ހަނދުކޭތައާއި ގުޅިގެން ދިޔަވަރަށް އަންނަ ބަދަލާއެކު ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ...

26 Sep 2015 | 18:39

މިމަހުގެ 28 ވަނަ ދުވަހު ހިފާ ހަނދުކޭތައާއި ގުޅިގެން ދިޔަވަރަށް އަންނަ ބަދަލާއެކު ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ އިލްތިމާސާ ގުޅިގެން އެފަދަ ޙާދިސާ އަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކައުންސިލްތަކާ މުއައްސަސާތަކާ ރައްޔިތުންނާ ފުލުހުން ގުޅިގެން ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

ފުލުހުން ބުނީ ހއ. ދިއްދޫގައި ކައުންސިލާއެކު މަޝްވަރާކޮށް ރަށުގެ ރައްޔިތުންނަށް އަޑުގަދަ ކުރާ ބޭނުންކޮށްގެން ވަނީ އިރުޝާދު ދެވިފައި ވާކަމަށާއި އަދި އެފަދަ ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ ފަސޭހައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލިބަސްތާ ތައްޔާރު ކުރުމުގެ މަސައްކަތް ފުލުހުންނާ ކައުންސިލް ގުޅިގެން ފެށިފައި ވާކަމަށެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގައި ހުރި ފުލުހުންގެ މަރުކަޒުތައް މެދުވެރިކޮށް ދަނީ ރައްޔިތުންނަށް މަޢުލޫމާތު ދެވެމުން އަންނަ ކަމަށެވެ.

"ހދ. ނޮޅިވަރަމްފަރުގައި ކައުންސިލާފުލުހުންނާ މުއައްސަސާތައް ގުޅިގެން ވަނީ ޚާއްޞަ ޓާސްކް ފޯސްއެއް އެކުލަވައި ލެވިފައި، ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ދަނީ ދެވެމުން، ހދ. ހަނިމާދޫ ކައުންސިލާ އަތޮޅު ކޮމާންޑަރު ގުޅައި މަޝްވަރާކުރެވި ހަނިމާދޫ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް ރައްޔިތުންނަށް ވަނީ މަޢުލޫމާތު ދެވިފައި، ނޮޅިވަރަމްގައި މިރޭ ފުލުހުން ޙަރަކާތްތެރިވާން ފަށާނެ، ނޭކުރެންދޫ އާއި މަކުނުދޫ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް މިކަމުގެ މަޢުލޫމާތު އެރަށްރަށުގައި ރައްޔިތުންނަށް ދޭން ވަނީ ފެށިފައި މީގެ އިތުރުން ކުޅުދުއްފުށީގައި މަސައްކަތްކުރާފުލުހުން ވަނީ ތައްޔާރީ ޙާލަތަށް ގެނެވިފައި" ފުލުހުން ހާމަކޮށްފައި ވެ އެވެ.

ށ. އަތޮޅުގެ ރަށްރަށަށް އުދައެރުމުގެ ޙާދިސާއެއް ކުރިމަތި ވެއްޖެނަމަ މަސައްކަތްތައް ގެންދާނެގޮތް ކައުންސިލް ތަކާއެކު މަޝްވަރާ ކުރެވި މަސައްކަތް ގެންދާނެގޮތް ވަނީ އެކުލަވާ ލެވިފައި ވާކަމަށާއި އއ. އަތޮޅު ރަސްދޫ ކައުންސިލާ ބައްދަލުކޮށް އުދަ އެރުމުގެ ޙާލަތެއް ކުރިމަތިވެއްޖެނަމަ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ މަޝްވަރާކޮށް މަސައްކަތް ގެންދާނެ ގޮތްވެސް އެކަށައެޅިފައި ވާކަމަށް ފުލުހުން ހާމަކުރެވެ.  އަދި އދ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލް ތަކާއެކު  ބައްދަލުވުންތައް ބޭއްވި ޢަމަލީ މަސައްކަތް ފެށިފައިވާކަމަށާއި މިގޮތުން މާމިގިއްޔާ ފެންފުށީގައި މަސައްކަތް ފެށިފައި ވާއިރު އުދަ އަރާފާނެ ކަމަށް ބެލެވޭ އެހެނަސް މީހުން ދިރު ނޫޅޭ ރަށުގައިވެސް އެފަދަ ޙާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޝްވަރާކުރެވި މަސައްކަތް ގެންދާނެ ގޮތް އެކަށައެޅިފައި ވާކަމަށް ފުލުހުން ހާމަކުރެ އެވެ.

ވ. ފެލިދޫއަށް އުދަ އެރުންފަދަ ޙާލަތެއް ކުރިވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ކައުންސިލާ ފުލުހުން ގުޅިގެން ވަނީ ރައްޔިތުންނަށް ދީފައި، މ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ވަނީ މިފަދަ ޙާލަތެއްގައި ޙަރަކާތްތެރިވާނެ ޓާސްކްފޯސް އުފައްދާފައި، އުދައެރުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ރައްކާތެރި ވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު މުލީގައިހުރި ވިޔަފާރި ކުރާ ތަންތަނަށް ޓާސްކު ފޯސްއިން ވަނީ ދީފައި، ދ. އަތޮޅުގައި މިފަދަ ޙާލަތުގައި ޢަމަލު ކުރާނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލްތަކާ ފޯނުން މަޝްވަރާކޮށް ރައްޔިތުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން، ކުޑަހުވަދޫގައި މަސައްކަތްކުރާފުލުހުންނަށް މަޢުލޫމާތުދީ ތައްޔާރީ ޙާލަތަށް ވަނީ ގެނެވިފައި" ފުލުހުން ހާމަކުރެ އެވެ.

މީގެ އިތުރުން ތ. އަތޮޅުގެ ރަށްރަށަށް އުދައެރުން ފަދަ ޙާލަތެއް އަތުވެއްޖެނަމަ މަސައްކަތް ގެންދާނެގޮތް ކައުންސިލް ތަކާއެކު މަޝްވަރާ ކުރެވި އަދި ވެލިބަސްތާ ޖަހަން ޖެހިއްޖެ ޙާލަތެއްގައި ވެލިބަސްތާ ޖަހަން ގޯނިތަކަށް ވެލިއަޅައި ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ތިމަރަ ފުށީގެ ބައެއް ތަންތަނާ ސަރަޙައްދުތަކުގައި ވެލިބަސްތާ ޖަހަން ފެށިފައި ވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ. އަދި ލ. އަތޮޅުގެ ރަށްރަށަށް އުދައެރުން ފަދަ ޙާދިސާއެއް ކުރިމަތިވެއްޖެނަމަ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ކައުންސިލްތަކާ ފުލުހުންނާ ސިފައިން ގުޅިގެން އެކަށައަޅައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ލ. ފޮނަދޫ ކައުންސިލާ ފުލުހުންނާ މުއައްސަސާތައް ހިމެނޭގޮތުން ވަނީ ޚާއްޞަ ޓާސްކް ފޯސް އެއް އުފައްދައި މަސައްކަތްތައް ފެށިފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

"ގއ. އަތޮޅުގެ ރަށްރަށަށް އުދައެރުން ފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ ޢަމަލު ކުރާނެ ގޮތް މަޝްވަރާ ކުރެވި ވަނީ އެކަށައެޅިފައި، ގއ. ވިލިނގިލީގައި ޚާއްޞަ ޓާސްކްފޯސްއެއް އެކުލަވާލައި ޢަމަލީ މަސައްކަތް ވަނީ ފެށިފައި، ގދ. އަތޮޅުގެ ރަށްރަށަށް އުދައިގެ އަސަރު ކޮށްފިނަމަ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ވަނީ އެކަށައެޅިފައި، ގދ. ފަރެސް މާތޮޑާ އާއި ފިޔޯރީ ކައުންސިލާ ބައްދަލުކޮށް ފުލުހުންނާ ކައުންސިލާ މުއައްސަސާތައް ގުޅިގެން ޓާސްކުފޯސް އެއް އެކަށައަޅައިގެން މަސައްކަތްތައް ގެންދަން ވަނީ ހަމަޖެހިފައި، އަދި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާ ސިފައިން އަދި އެމް އާރު ޑީސީ ގުޅިގެން ޙަރަކާތްތެރިވެވޭނެ ގޮތް އެކަށައަޅައި ވަނީ މަޝްވަރާ ކުރެވިފައި، ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުން ވަނީ ތައްޔާރީ ޙާލަތަށް ގެނެވިފައި" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އައްޑޫ ސިޓީގައި ފުލުހުންނާ ސިފައިން އަދި މޯލްޑިވްސް ރޯޓް ކޯޕަރޭޝަން ބައްދަލުކޮށް އެފަދަ ޙާލަތެއްގައި މަސައްކަތްތައް ގެންދާނެ ގޮތް ވަނީ އެކަށައެޅިފައި ވާކަމަށާއި އަދި އުދަ އަރައި ލޮނުގަނޑު ބޮޑުވާފަދަ ޙާލަތެއްގައި ފަސޭހައިން ވެލި ބަސްތާ ޖެހޭނެ ގޮތަށް ވެލި ބަސްތާތައް ތައްޔާރު ކުރެވިފައި ވާކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި މިގޮތުން ހިތަދޫ އާއި އެހެނިހެން ރަށްރަށުގައި ވަކިވަކި ގޭގެއަށް ފުލުހުން ގޮސް މަޢުލޫމާތު ފޯރުކޮށްދެމުން ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް