އުދަ އަރާފާނެތީ ފުލުހުން ތައްޔާރީ ހާލަތުގައި ތިބުމަށް ސީޕީ އަންގަވައިފި

މި މަހު 28 ވަނަ ދުވަހު ހިފާ ހަނދުކޭތައާ ގުޅިގެން ދިޔަވަރަށް ބަދަލުއައިސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ މާލެއާއި އަތޮޅުތަކުގައި ...

26 Sep 2015 | 15:51

މި މަހު 28 ވަނަ ދުވަހު ހިފާ ހަނދުކޭތައާ ގުޅިގެން ދިޔަވަރަށް ބަދަލުއައިސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ މާލެއާއި އަތޮޅުތަކުގައި ފުލުހުން މިއަދުން ފެށިގެން ތައްޔާރީ ހާލަތުގައި ތިބުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަންގަވައިފިއެވެ.

މިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ޑިވިޜަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް މިކަން އަންގަވާފައި ވާކަމަށް ފުލުހުން ހާމަކުރެ އެވެ.

މީގެ އިތުރުން، އުދައެރުމުގެ ނުރައްކާ ބޮޑުކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ރަށްރަށަށުގެ ތެރެއިން، މިވަގުތު ފުލުހުން ޤާއިމްވެ ނެތް ރަށްރަށަށް ފުލުހުން ފޮނުވައިގެން، އުދަ އެރުންފަދަ ކަމެއް ކުރިމަތިވެދާނެކަމަށްޓަކައި ފުލުހުން އިސްވެތިބެ ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން، ފަރުދީގޮތުންނާއި ރަށުފެންވަރުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޑިވިޜަންތަކުގެ ކޮމާންޑަރުންނަށް އަންގާފައި ވާކަމަށާއި އަދި ފުލުހުން ނެތް ރަށަކަށް އެފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ޑިވިޜަނަކުން ނުވަތަ އެ އަތޮޅަކުން އެންމެ ކައިރިން ފުލުހުންނަށް ދެވެންއޮތް ރަށަކުން ވީހާވެސް އަވަހަށް އެރަށަކަށް ގޮސް، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސައި ތައްޔާރީ ހާލަތުގައި ތިބުމަށާއި އެ މަޢުލޫމާތުތައް ހުރިހާ ސަރަހައްދަކުންވެސް ލަސްނުކޮށް ފޯރުކޮށްދެމުން ގެންދިއުމަށްވެސް ޑިވިޜަންތަކަށް ސީޕީ އެންގެވި ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

"ކޮމިޝަނަރ އޮފް ޕޮލިސްގެ މި އެދިވަޑައިގަތުމާ ގުޅިގެން، ރަށްރަށުގައި ރައްކާތެރިކަމުންގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ފުލުހުން އިސްދައުރެއް އަދާކުރަމުން ގެންދިއުމަށް، ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑް މިވަގުތު ހިންގެވުމާ ޙަވާލުވެ ހުންނެވި، ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ނޯތު ވިންގ ގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވަނީ ޑިވިޜަން ކޮމާންޑަރުންނަށް އަންގަވައިފައި އެގޮތުން، ރައްޔިތުން މިކަމުގައި ހާސްވެ ކަންބޮޑު ނުވުމަށާއި ފަރުދީގޮތުންނާއި ރަށުފެންވަރުގައި އެޅެންހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރުމަށް ޑިވިޜަން ކޮމާންޑަރުންނަށް ވަނީ އަންގަވާފައި، އޭގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުން މޫދާ ކައިރި ހިސާބުތަކަށް ނުދިއުމަށާއި، ދުއްވާތަކެތި އެ ސަރަހައްދުތަކުގައި ޕާކްކޮށްފައި ނުބެހެއްޓުމަށާއި ގެއްލުން ލިބިދާނެފަދަ މުދަލާއި އެހެނިހެން ތަކެތި އެ ސަރަހައްދުތަކުގައި ނުބެހެއްޓުމަށް ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އިލްތިމާސްކުރުމަށް އެދިލެއްވި އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލާއި އިންޖީނުގެ ފަދަ ތަންތަން ރައްކާތެރިކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ސިއްހީގޮތުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކުނިކޮށިފަދަ ތަންތަން ރައްކާތެރިކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ފުލުހުން އިސްވެ ހަރަކާތްތެރިވުމަށް އެންގެވި" ފުލުހުން މައުލޫމާތު ދެ އެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އުދައެރުމުގެ މިފަދަ ހާދިސާތަކާ ގުޅިގެން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅަމުންގެންދާއިރު ކޮންމެ ރައްޔިތަކުވެސް ފަރުދިގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި ކަމާބެހޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ހުރިހާ ރައްޔިތުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް