ބުރާސްފަތި ދުވަހު މިނާގައި ހައްޖާޖީންތަކެއް ފިތިގެން ހިނގި ހާދިސާގައި ސައުދީ އަރަބިއްޔާ ކުށްވެރިކޮށް އީރާނުގައި ވަރުގަދަ މުޒާހަރާއެއް ބާއްވައިފި އެވެ.
އެތައް ހާސް ބަޔަކު މަގުމައްޗަށްނިކުމެ ސައުދީއާ ދެކޮޅަށް އަޑުއުފުލަށް ބޭއްވި އެ މުޒާހަރާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދިޔައީ ސައުދީ ސިއްހަތާ ބެހޭ ވަޒީރާ ދެކޮޅަށެވެ. އެއީ ހައްޖާޖީން ފިތުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހައްޖާޖީން ބޯ ލަނބަންޖެހޭ އުސޫލުތަކަށް ބޯ ނުލެނބުމުން ކަމަށް ސައުދީ ސިއްހަތާބެހޭ ވަޒީރު ވިދާޅުވުމުންނެވެ.
ހައްޖާޖީން ފިތިގެން ހިނގި ހާދިސާގައި 719 ހައްޖާޖީއަކު ނިޔާވެފައިވާއިރު އޭގެ ތެރާގައި އީރާނުގެ 131 ހައްޖާޖީއަކު ހިމެނެ އެވެ.
އީރާނުގައި އިއްޔެ ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ސައުދީއަށް ތުހުމަތުގެ އިނގިލިތަކެއް ދިއްކޮށްފަ އެވެ. އެގޮތުން ހައްޖާޖީންނަށް ދޭންވާ ފުރިހަމަ ރައްކާތެރިކަން ނުލިބޭ ކަމަށާއި ސައުދީން އެމެރިކާއާއި ގާތް ގުޅުންތައް ބާއްވަމުން އަންނަ ކަމަށް އީރާނުގެ މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރެ އެވެ.
ބުރާސްފަތި ދުވަހު މިނާގައި ހިނގި ހާދިސާގައި 719 ހައްޖާޖީއަކު ނިޔާވެފައިވާއިރު 800 އަށް ވުރެ ގިނަ ހައްޖާޖީންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް