އިސްލާމީ އެއްބައިވަންތަކަމަށް އަރައިގަތުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނަން: ސައުދީ ރަސްގެފާނު

އިސްލާމީ ގައުމުތަކުގެ މެދުގައި އަދި މުސްލިމުންގެ މެދުގައި އޮންނަ އިސްލާމީ އެއްބައިވަންތަކަމަށް އަރައިގަތުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި ސައުދީ އަރަބިއްޔާއިން އަބަދުވެސް އަރަބި އ...

26 Sep 2015 | 02:02

އިސްލާމީ ގައުމުތަކުގެ މެދުގައި އަދި މުސްލިމުންގެ މެދުގައި އޮންނަ އިސްލާމީ އެއްބައިވަންތަކަމަށް އަރައިގަތުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި ސައުދީ އަރަބިއްޔާއިން އަބަދުވެސް އަރަބި އަދި މުސްލިމް ގައުމުތަކުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި މުސްލިމްގައުމުތަކުގެ އެންމެ އިސް ވެރިންނާއި ހައްޖު މިޝަންތަކުގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ސައުދީ ރަސްގެފާނު ވިދާޅުވީ އިސްލާމް ދީނަކީ އެއްބައިވަންތަކަމާއި ސުލްހަމަސަލަސް ކަމާއި އިންސާފާއި ދީލަތި ކަމުގެ ދީނެއް ކަމަށެވެ.

" ކީރިތި ރަސޫލާ (صلى الله عليه و سلم)ގެ ހަޔާތްޕުޅުން ސާފުކޮށް އެބަ އެނގޭ އެންމެ މާތް އެންމެ ރަނގަޅު މީހުންނަކީ އެމީހުންގެ އަތާއި އެމީހުންގެ ދޫ އަދި އަދި އެމީހުންގެ މުޅި ހަށިގަނޑު އެހެން މީހުންގެ މަންފާއަށް އަދި ލާބައަށް ބޭނުންކުރާ މީހުންކަން، އަދި ދުލާއި އަތް ބޭނުންކޮށްގެން އެހެން މުސްލިމުންނަށް ފުރައްސާރަ ނުކުރާ މީހުންކަން، އަހަރެމެން ކުރިއަށްދާނެ ޖެހޭނީ އަދި މަސައްކަތްކުރަން ޖެހޭނީ އެ މަތިވެރި އިރުޝާދާ އެއްގޮތަށް" ސައުދީ ރަސްގެފާނު ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެންމެހާ މުސްލިމުންނަށް އެންމެ މުގައްދަސް ދެ މިސްކިތައް ޒިޔާރަތްކޮށް ހައްޖުގެ އަޅުކަން ކުރަމުންދާއިރު ހައްޖާޖީންނަށް މެހެމާންދާރީ އަދާކުރުމަށް ސައުދީ އަށް ލިބިފައިވާ ފުރުސަތަކީ ފަހުރެއް ކަމަށާއި ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އަންނަ އެންމެހާ ހައްޖާޖީންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އަބަދުވެސް ކުރައްވާނެ ކަމަށްވެސް ސައުދީ ރަސްގެފާނު ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނު އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މާލީގެ ކުރީގެ ރައީސް، ސެނެގާލްގެ ބޮޑުވަޒީރު، ސޫދާންގެ ނައިބު ރައީސް، މިސްރުގެ ނައިބު ރައީސް، އިރާގުގެ މަޖިލިސް ރައީސް، އިންޑިނޭޝިޔާގެ މަޖިލިސް ރައީސް، ނައިޖީރިއާގެ މަޖިލިސް ރައީސް އަދި އިންޑިއާގެ ގުޑްވިލް ޑެލެގޭޝަންގެ އެންމެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް