މިއަހަރު މިހާތަނަށް އިޖުތިމާއީ އަދި އާއިލީ 1341 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

މި އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް 1341 މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި...

26 Aug 2024 | 10:10

މި އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް 1341 މައްސަލައެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ވަނީ ރިޕޯޓުކޮށްފައި ވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެ އިދާރާއިން ބުނީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަކަމަށެވެ.

އެ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެ ބާވަތުގެ 125 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ޖިސްމާނީ އަނިޔާގެ 119 މައްސަލައާއި ޖިންސީ ހާނިއްކައިގެ 119 މައްސަލައެއްވަނީ ހުށަހަޅާފައެވެ. ހަމަމިއާއިއެކު، ނަފްސާނީ ހާނިއްކައިގެ 37 މައްސަލަ ހިމެނެއެވެ. އަދި އިހުމާލުގެ 111 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން )ބްލެކްމެއިލް( ކުރުމުގެ 15 މައްސަލަ، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 10 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލަ ހިމެނެއެވެ. މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ހުށަހެޅި، އެ އިދާރާއިން އެ މައްސަލަ ތަކަށް އެޓެންޑު ވެފައި ވެއެވެ.

މީގެ ތެރޭގައި ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 108 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ އެ އިދާާރާއަށް ހުށަހަޅާފައެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 20 މައްސަލަ، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 24 މައްސަލަ، އަދި ގެއިން ނިކުމެގެން ދިއުމުގެ 23 މައްސަލަ، އަދި މިނޫންވެސް އެހެން ބާވަތުގެ 41 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 26 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމަށް ހުރަސްއެޅުމުގެ 4 މައްސަލަ، އައި.ޑީ ކާޑު / ޕާސްޕޯޓު / އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 3 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 4 މައްސަލަ އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 9 މައްސަލަ ހިމެނެއެވެ. އަދި ކުދިންނަށް ވެކްސިން ނުދިނުމުގެ 1 މައްސަލައާއި، ކަރަންޓު ޚިދުމަތް ކަނޑާލުމުގެ 2 މައްސަލައާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލައެވެ.

ހަމަމިއާއެކު، ޢާއިލާއާ ގުޅުންހުރި 166 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައިވެއެވެ. މިގޮތުން ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 61 މައްސަލަ، ހަޟާނާގެ 36 މައްސަލަ، ދަރިންގެ ޚަރަދު ނުދިނުމުގެ 5 މައްސަލަ، އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލައެވެ.

އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ހާނިއްކަ ކުރުމުގެ 19 މައްސަލައާއި، ޖިސްމާނީ އަނިޔާ ކުރުމުގެ 101 މައްސަލައާއި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 80 މައްސަލައާއި، އިހުމާލުގެ 9 މައްސަލައާއި، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 3 މައްސަލައެވެ.

މީގެ އިތުރުން، މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލައާއި، މުދާ ހިފެހެއްޓުމާއި މުއްދަލަށް ގެއްލުންދިނުމުގެ 3 މައްސަލައާއި، ހިފެހެއްޓުމުގެ އަމަލުގެ 2 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 14 މައްސަލައިގެ އިތުރުން، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 4 މައްސަލަވަނީ ހުށަހަޅާފައެވެ.

އަޅާލުމާއި ބެލެހެއްޓުމުގެ 116 މައްސަލަ އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 94 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 22 މައްސަލައެއް ހިމެނެއެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 7 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލައާއި، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލައާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައިގެ އިތުރުން، ސްކޫލާށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައެވެ.

އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 20 މައްސަލައާއި، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 22 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ 38 މައްސަލަވަނީ ހުށަހަޅާފައެވެ.

ކުއްޖަކަށް ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރާކަން އެނގޭނަމަ ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އެގޮތުން ކުއްޖަކަށް އަނިޔާކުރާނަމަ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅައި ރިޕޯޓު ކުރެވޭނެއެވެ. އަދި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ސޯޝަލް ސަރވިސް ހެލްޕްލައިން 1421 ގުޅައި ރިޕޯޓުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް