ސާނަވީ ޓީޗަރުންނަށް ކަނޑުގެ މާޙައުލީ ނިޒާމުތަކާއިގުޅޭ ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގެ ހުރިހާ ސާނަވީ ސްކޫލްތަކުގައި ތިމާވެއްޓާ ގުޅުންހުރި މާއްދާތައް ނަންގަވައިދެއްވާ ކީ-ސްޓޭޖް 4 ގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކަނޑުގެ މާޙަޢުލީނިޒާމުތަކާއި، އެ ނިޒާމުތަކުން ލިއްބައިދޭ ފައިދާތަކާބެ...

26 Aug 2023 | 10:43

ރާއްޖޭގެ ހުރިހާ ސާނަވީ ސްކޫލްތަކުގައި ތިމާވެއްޓާ ގުޅުންހުރި މާއްދާތައް ނަންގަވައިދެއްވާ ކީ-ސްޓޭޖް 4 ގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކަނޑުގެ މާޙަޢުލީނިޒާމުތަކާއި، އެ ނިޒާމުތަކުން ލިއްބައިދޭ ފައިދާތަކާބެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް އެންދެރި މަޝްރޫޢުން މިއަދު ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް އެންވޮރަމެންޓް އިން ބުނާ ގޮތުގައި ދެ ދުވަހަށް ބަހާލައިގެން ވިލާ ކޮލެޖްގެ ހޯލުގައި ކުރިއަންގެންދާ މި މަސައްކަތުބައްދަލުވުމުގައި ރާއްޖޭގެ އެކިސްކޫލްތަކުން 200 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސް،އިންޑޮނޭޝިއާގެ ރެކަމް ނުސަންޓްރާ ފައުންޑޭޝަން ައދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޖުރިބާކާރުން ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރުދެއްކެވި ވާހަކައިގައި, ދިވެހި ރާއްޖޭގައިވާ ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމުގެ ވާހަކަ މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމުގައި ޓީޗަރުންނަށް ހަވާލުކުރެވިފައިވާ މުހިންމުޒިންމާ ފާހަގަކުރެއްވިއެވެ.

އަދި މި ފަދަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މި ފަދަ މާޙަޢުލުތަކަށް ދިވެހި ބަހުގައި ހެދިފައިވާ ބަސްތައް ބޭނުންކުރުމަށް ސަމާލުކަންދިނުމުގެމުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް، މިއަދުގެ ބައްދަލުވުމުގައި ކަނޑުގެ މާޙަޢުލީ ނިޒާމުތަކުގެ ތަޢާރަފާއި އަދި މި ފަދަ ނިޒާމުތައް ވަޒަންކޮށް މިންކުރާނޭ ގޮތް ބައިވެރިންނަށް ކިޔައިދެވުނުކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ހާމަކުރައްވައެވެ.  އަދި މި ބައްދަލުވުމުގައި މި ފަދަ އެކި ނިޒާމުތައް އެ ނިޒާމެއްގެ ބާވަތުންނާއި ސިއްޙަތު ހުރި ހާލަތުންބަޔާންކޮށްދިނުމުގެ އަމަލީ މަސައްކަތްތަކެއް ބައިވެރިންނާ ހަވާލުކޮށްގެން ކުރިއަށް ގެންދެވުނު ކަމަށްވެސް ބުނެއެވެ.

ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި މާޙަޢުލީ ނިޒާމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި އަދި މި ފަދަ މާޙަޢުލުތައްހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރެވިދާނޭ ކަންކަން ވެސް ބައިވެރިންނަށް ކިޔައިދެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި މަސައްކަތުބައްދަލުވުމުވަކީ އެންދެރި މަޝްރޫޢުން ދިވެހި ރާއްޖޭގައި ޤުދުރަތީ ރައުސްމާލު ހިސާބުކިތާބު ކުރުމުގެ މަސައްކަތް ތަޢާރަފް ކުރުމަށް ނިއުސައުތް ވޭލްސްޔުނިވަރސިޓީއާ ހަވާލުކޮށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް މިނިސްޓްރީ އޮފް އެންވިރަމެންޓް  އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް