އަލްހާން ފަހުމީގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން، އަލްހާން ފަހުމީ ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ވަނީ ނެރެފައި ކަމަށެވެ.
ނަމަވެސް އަލްހާން ފުރުން މަނާކުރި ކޮން މައްސަލައަކާއި ގުޅިގެންކަން ފުލުހުން ބުނެފައެއް ނުވެއެވެ.
މިކަމާއި ގުޅޭގޮތުން ކޮމެންޓެއް ހޯދާލުމަށް އަލްހާނަށް ގުޅާލުމުން ފޯނު ބިޒީކޮށްލެއްވުމެއްފަހު މެސެޖަކުން ވިދާޅުވީ ފަހުން ގުޅާލަދެއްވާނެ ކަމަށެވެ.
އަލްހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ކިންގް ކެޕިޓަލްގެ ނަމުގައި ކުންފުންޏެއް ހަދާ ފުޅާ ދާއިރާއެއްގައި ފޮރެކްސް ޓްރޭޑިން ސްކީމެއް ކުރިއަށްގެންދިޔައިރު އެ ސްކީމްގައި ގިނަ ބައެއްގެ ފައިސާ ތާށިވެފައިވެއެވެ.
ގިނަ ބައެއްގެ ފައިސާ ތާށިވެފައިވާ އެ މައްސަލައިގާ އަލްހާން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ފައިސާ ތާށިވެފައިވަނީ ބޭންކު ހިމެނޭހެން ދައުލަތުގެ އިދާރާތަކުން ކުރިމަތި ކުރުވި ފިއްތުންތަކާއިހެދި ކަމަށެވެ.
އެ ސްކީމް ހުއްޓާލިފަހުންވެސް ހަމަ އެފަދަ ސްކީމެއް ފެއްޓެވިއެވެ. ނަމަވެސް އެ ސްކީމް ކުރިއަށްދާކަމެއް ނޫންކަމެއް ޔަގީނެއް ނޫނެވެ. ގިނަބައެއްގެ ފައިސާ ތާށިވި ސްކީމް ހުއްޓާލިތާ މިހާރު ދޮށު އަހަރުވެފައިވާއިރު އެ ސްކީމުން ލަނޑު ލިބުނު ފަރާތްތަކުން އަދިވެސް އަންނަނީ ފައިސާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.
އެ ސްކީމްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް