ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށާއި ވޯޓުލާ ދުވަހު އެކަން ފެންނާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ރޭ އެމްޑީޕީގެ ފަރާތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅާލުމަށް ބަޔަކު އަތުގުޅައިގެން ތިއްބާ އެމްޑީޕީ ދަނީ ވަރުގަދަ ވަމުން ކަމަށެވެ. އަދި ރޫޅެނީ އެހެން މީހުން ކަމަށެވެ.
ހުޅުމާލެއިން ގިނަ އަދަދެއްގެ މީހުން އެމްޑީޕީއާ ގުޅުނުކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ ހުޅުމާލެއަށް ބޮޑު ގުޑުމެއް އަރައިގެން ގޮސްފި ކަމަށެވެ. އަދި ހުޅުމާލެއަކީ މުޅި ރާއްޖެއަށް ނިސްބަތްވާ އެތައް ރަށެއްގެ ރައްޔިތުން ދިރިއުޅޭ ތަނަކަށް ވާއިރު، ރޭ އެ ޕާޓީއާ ގުޅުނު މީހުންނާއެކު މުޅި ހުޅުމާލޭގެ ބޮޑު މެޖޯރިޓީއެއް އަދި ހުޅުމާލެއަށް ވޯޓުލާ ހުރިހާ ފޮއްޓެއްގެ މެޖޯރިޓީއެއް ނެގުމަށް އެންމެން މަސައްކަތް ކުރަންވާނެ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމަކީ އަބަދުވެސް ވަރަށް ވަރުގަދަކޮށް އޮންނަ ކަމެއް ކަމަށެވެ. އަދި އެއީ އެ ޕާޓީގައި އޮތް އެންމެ ވަރުގަދަ 'ސްޓްރެންތް' ކަމަށާއި އެތެރޭގެ ވާދަވެރިކަމުގެ ތެރެއިން ޕާޓީ އަބަދުވެސް ކުރިއަރަމުން އަންނަ ކަމަށެވެ.
މިއަލު ލީޑަރޝިޕަށް ބެލި ނަމަވެސް އާ މިހުންނަށް ޖާގަ ދޭ ކަމުގެ ސާފު ހެކި ފެންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން އަލަށް ޕާޓީއާ ގުޅުނު މީހުން، ޕާޓީގެ އެންމެ ކުރީސަފަށް އެރުމުގެ ފުރުސަތު އޮންނާނެ ކަން ފައްޔާޒު ވަނީ ހަނދާން ކޮށްދީފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކު ނުކުރާނެ ކަމަށެވެ. އަދި މިހާރުވެސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
"މިކަން އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިއްޖެ މިހާރުވެސް. އެއްބުރުން އިރާދަފުޅުކުރެއްވިއްޔާ ސެޕްޓެމްބަރު ނުވައެއްގާ އެކަން ފެނިގެންދާނެ، އަޅުގަނޑުމެންގެ ކެނޑިޑޭޓް، ކެނޑިޑޭޓް ނަންބަރު ތިނެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ފަސް އަހަރަށް މި ދިވެހިރާއްޖޭގާ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމުގެ ފުރުސަތު އެދުވަހު ލިބިގެންދާނެ ކަމާ ދޭތެރޭގަ އަޅުގަނޑުގެ ހިތުގާ ކުޑަވެސް ޝައްކެއް ނެތް" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މުޅި ދިވެހިރާއްޖެއިން ބޮޑު އަގުލަބިއްޔަތެއް ލިބި، އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް