ގައުމުދެކެ ލޯބިވާ ކޮންމެ މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާނެ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް އަދި އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ފަރާތުން ބޭއްވި ކެމްޕެން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ ހަމަ ހަގީގަތުގައިވެސް އެމްޑީޕީ ރޫޅިދަނީއޭ ބައެއް މީހުންނަށް ހީވި ނަމަވެސް އެމްޑީޕީ އަކީ އެހާ ފަސޭހަ ގޮތަކަށް ރޫޅޭނެ ޕާޓީއެއް ނޫންކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އެމްޑީޕީއަކީ އެކެއްގެ ވަށައިގެން ދުވާ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީ އުފެދިގެން އައީވެސް އެހެން ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕި އުފެދުނީ މުޅި ރާއްޖޭގެ ކަންކޮޅުތަކެއް ތަމްސީލު ކުރާ ގޮތަށް ކަމަށެވެ. އެހެންކަމުން އެންމެ މީހަކު ނުކުމެ ބުންޏަކަސް އެމްޑީޕީ ނުރޫޅޭނެ ކަމަށެވެ. އަދި އެމްޑީޕީ ދާނީ އިތުރަށް ވަރުގަދަވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯ އާއްމު ކުރެވިފައި ވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަން ސަރުކާރަކުން ރައްޔިތުންނަށް ކޮސްދޭނެ ކަންކަން މެނިފެސްޓޯގައި ހިމަނާފައި ވާނެ ކަމަށެވެ.
އޭގެން ކޮންމެ ދިމާލަކަށް އަމާޒުކޮށް ބެލި ނަމަވެސް މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށާއި ހުރިހާ ކަމަކަށް މެނިފެސްޓޯގައި އަލިއަޅުވާލާފައި ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ މިހާރު ހިނގަމުންދާ ސަރުކާރުން ކުރަން ޖެހުނީ ވަރަށް އަސާސީ ކަންކަން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން އެކަންކަން ނިންމާ ކުރިއަށް އާ މެނިފެސްޓޯ އަކާއެކު ދުނިޔޭގެ ފެންވަރުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތަށް ރާވާފައި ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މި މެނިފެސްޓޯއަށް ބަލައިލާ، މި ސަރުކާރުން މިދިޔަ ފަސް އަހަރުގާ ކުރެވުނު ކަންކަމަށް ހަމައެކަނި ބަލާލާ، ވިސްނާއާ އަދި އެކަންކަން ވަޒަން ކޮށްފި ކަމުގަ ވަނީނަމަ، މި ގައުމުދެކެ ލޯބިވާ ކަމުގަ ވަނީ ނަމަ، މި ގައުމުގެ ކުރިއެރުމަށް އިސްކަމެއް ދެއްވަން ހިތުގާ ބުބްވަޅު ނެގިފައިވާ ކޮންމެ މީހަކު އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާނެ" އަސްލަމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް