ޝީ އާއި މޯދީ ބޯޑަރުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން، ޖޮހަނަސްބާގްގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ހަވާސާގައި ބައްދަލުކުރައްވައިފިއެވެ. އެ ދެ ބޭފުޅުން ވަނީ ބޯޑަރު މައްސަލަ ހައްލުކުރ...

25 Aug 2023 | 19:25

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން، ޖޮހަނަސްބާގްގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ހަވާސާގައި ބައްދަލުކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ވަނީ ބޯޑަރު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށް އެ ދެ ގައުމުގެ އޮފިޝަލުންގެ ކިބައިން އެދުމަށް އެއްބަސްވެފައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވަނީ އެލްއޭސީގައި ހައްލު ނުކުރެވި ހުރި މައްސަލަތަކާ އަދި އިންޑިއާގެ ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.

މޯދީ ވިދާޅުވީ ބޯޑަރު ސަރަހައްދުތަކުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި އެލްއޭސީ އޮބްޒާވްކޮށް އިހުތިރާމް ކުރުމަކީ އިންޑިއާ އާއި ޗައިނާގެ ގުޅުން އާންމު ހާލަތަށް ގެނައުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގެ ނަމުން ނަން ދީފައިވާ 3،000 ކިލޯމީޓަރުގެ ހިމަލަޔަން ބޯޑަރުގެ މައްސަލާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ބޯޑަރުގެ ދެފަރާތުގައި އެތައް ހާސް ސިފައިން ހަރަކާތްތެރިވެ ހިންގި ހަމަނުޖެހުން ތަކުގައި 24 މީހުން ވަނީ މަރުވެފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ޑިޕްލޮމެޓުންނާއި އަސްކަރީ އޮފިޝަލުން ބައިވެރިކޮށްގެން މަދުވެގެން 19 ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި ޖީ-20 ސަމިޓުގެ ހަވާސާގައި ވެސް ދެ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ބޯޑަރުގެ މައްސަލާގައި ދެބަސްވުން އުފެދި އަވަށްޓެރި ދެ ގައުމުން 1962 ވަނަ އަހަރު ވަރުގަދަ ހަނގުރާމައެއް ކުރި އިރު، ލަޑަކްއަށް ވަދެ، ޗައިނާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރު ނުވަތަ އަކްސައި ޗިން ނަމަކަށް ކިޔާ ބިމުން ބައެއް އިންޑިއާ އަތުން ޗައިނާއަށް ގެއްލުނެވެ.

1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ދެ ފަރާތުން ވެސް މަސައްކަތް ކުރަމުން އައީ ކާމިޔާބެއް ނުލިބި މައްސަލަ ހައްލު ކުރުމަށެވެ. އެންމެ ސީރިއަސް މައްސަލައަކީ އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަރޫނާޗަލް ޕްރަދޭޝްއަކީ ޓިބެޓްގެ ބައެއް ކަމަށް ޗައިނާއިން ބުނާ ބުނުމާއި ގުޅިގެން އިންޑިއާއިން އެކަން ދޮގުކުރުމެވެ.

އިންޑިއާގެ އިރުއުތުރުން ގާތްގަނޑަކަށް 90،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޗައިނާއިން ދަޢުވާކުރާއިރު، އިންޑިއާއިން ބުނަނީ އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރުގެ ގުޅިފައިވާ ސަރަހައްދެއް ކަމަށްވާ ހިމަލަޔާގެ އަކްސައި ޗިން ޕްލެޓޯގެ 38،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޗައިނާއިން ހިފާފައިވާ ކަމަށެވެ. މި ހަނގުރާމައިގެ ފަހުން އިންޑިއާ އާއި ޗައިނާއާ ދެމެދު ވަނީ އެލްއޭސީގައި ދެބަސްވުންތައް އުފެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް