ބޮލީވުޑްގައި ކުރި އަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ ކަމަށް ބުނާ އަކްޝަތް ރަޖަން އަކީ ކޮއްކޮ ހުޝީ ކަޕޫރުގެ މިހާރުގެ ލޯބިވެރިޔާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ޖާންވީ އާއި އަކްޝަތް ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ކަމަށްވެ އެވެ. އަކްޝަތަކީ އިވެންޓު މެނޭޖިން ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެ އެވެ.
ޖާންވީ ކޮއްކޮ އަދި މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންދާ ހުޝީ އާއި އަކްޝަތާއި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އޮންނަ ކަމަށް ވާހަކަދައްކަން ފެށީ މިދިޔަ ހަފްތާގައި އެމެރިކާއަށް ހުޝީ ކުރި ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއަކުންނެވެ. އެމެރިކާގެ ކެލިފޯނިއާގެ އެކި ތަންތަނަށް ހުޝީ ގޮސް ނަގާފައިވާ ފޮޓޯތަކުގެ ތެރޭގައި އަކްޝަތާއި ދެމީހުން ފޮޓޯ ނަގާފައި ހުރީ ޓޫރިސްޓު މަންޒިލެއްގައި އެވެ.
އެ ފޮޓޯ ހުޝީ އިންސްޓަގްރާމް ކޮށްފައިވެ އެވެ. އެންމެ ބޮޑަށް ދެ މީހުންގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދެކެވެން ފެށީ އެ ފޮޓޯތަކަށް އަކްޝަތް "ލަވްޔޫ" ޖަހާފައި ކޮމެންޓެއް ކޮށްފައި އިނުމާއި އެ ކޮމެންޓަށް ހުޝީ "ލަވްޔޫ" ޖަހާފައި ރިޕްލައި ކޮށްފައި އިނުމެވެ.
މި ޕޯސްޓަށް ޖާންވީވެސް ވަނީ ހައިރާންވެގެން ކޮމެންޓު ކޮށްފަ އެވެ. އެކަމަކު މި ގުޅުމުގެ ހަގީގަތެއް އަދި ނޭނގެ އެވެ.
އަކްޝަތަށް މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ 2016 ވަނަ އަހަރު ރިލީޒް ކުރި ޖާންވީގެ މަންމަ ސްރިދޭވީގެ ފިލްމު "އިންގްލިޝް ވިންގްލިޝް" ގެ ހާއްސަ ސްކްރީނިންއަށް އޭނާ ދިއުމުންނެވެ. ޖާންވީ އޭރު ބުނީ އެއީ ކުޑައިރުގެ ގާތް އެކުވެރިއެއް ކަމަށެވެ.
ހުޝީ ބޮލީވުޑަށް ތައާރަފު ވާނީ ޒޯޔާ އަހްތަރުގެ ފިލްމު " އާޗީސް" އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ ނެޓްފްލިކްސްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް