ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު މުސްތަފާ (މުސްތޮ) ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް "ޓިނު އަދުރޭ" ގެ ނަމުން ގޮވައިފިއެވެ.
މުސްތޮ މި މޭރުމުން އަދުރޭއަށް ގޮވާފައިވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ސިޔާސީ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މުސްތޮ ބުނެފައިވަނީ މިފަހަރު މިއޮތީ ޓިނު އަދުރޭގެ ހިސާބު ދިމާވެފައިވަކަމަށާއި މި މީހުން (އެމްޑީޕީ) ވެރިކަމާ ހަވާލުވެއްޖެ ނަމަ ބަންގީގެ އަޑު ކެނޑޭނެކަމަށް އޭނާ (އަދުރޭ) ވިދާޅުވިކަމަށެވެ. މިސްރާބު ހުރީ އެދިމާއަށް ކަމަށެވެ.
ސިޔާސީ މަސްރަހުގައި އަދުރޭއާއި އެންމެ ދިމާކުރާ ދެކަމެއްގެ ގޮތުގައި އޮންނަނީ އަދުރޭއަށް "ޓިނު އަދުރޭ" މި ބަހުން މުހާތަބު ކުރުމާއި އަދުރޭގެ ހިސާބުގެ ވާހަކަ ދެއްކުމެވެ.
ރައީސް ޔާމީންގެ ދައުރުގައި ޗީފް އޮފް ސްޓާފްކަން ކުރެއްވި އަދި މިހާރު ޕީޕީއެމްގެ ހަޒާންދާރުކަން ކުރައްވަމުން ގެންދަވާ މުސްތޮ މިހެން ވިދާޅުވެފައިވާއިރު މުސްތޮގެ އެ ޓްވީޓް މިހާރު ވަނީ ޑިލީޓް ކޮށްފައެވެ. މުސްތޮގެ އެ ޓްވީޓާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތެރޭގައި ރެނދުލައި އެ ކޯލީޝަނަށް ލޮޅުން އަރާފައިވާކަމަށް މިއަދު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް