ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޖޯޖީނިއޯ ހޮވިއްޖެ

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ އިތަލީ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދައިފިއެވެ. މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގ...

26 Aug 2021 | 18:13

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ އިތަލީ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދައިފިއެވެ.

މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާން ކޮށްފައިވަނީ ރޭ ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި އޮތް ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައެވެ.

ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖޯޖީނިއޯއަށް ލިބުނު އިރު، އޭނާއާއި އެންމެ ގާތުން ވާދަކުރީ ޗެލްސީގެ މިޑްފރީލްޑަރު އެންގޯލޯ ކާންޓޭ އާއި، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ.

ނިމިގެން ދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިއޔާގެ މަގާމު ޖޯޖީނިއޯ އަށް ލިބުނުއިރު، އޭނާ ވަނީ ޗެލްސީއާއެކު މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް އިޓަލީއާއި އެކު ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ޖޯގީނިއޯއަށް ލިބުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ސިޓީގެ ރުބެން ޑިއާސްއެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އެންގޯލޯ ކާންޓޭއެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ބްރޫޝިއާ ޑޯޓުމުންޑުގެ އާލިން ހާލަންޑެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް