ގއ. އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް ޔޫ.އެސް.ޕީގެ ދަށުން ހޮސްޕިޓަލް ޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރަޙީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މެންބަރުންނާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ސޯލިހު ވަނީ ސަރުކާރުން އަތޮޅުތަކުގައި ހުރި ރިސޯޓުތަކުން ލިބޭ ބިމުކުލިން އާމްދަނީ ކައުންސިލަށް ލިބޭފަދަގޮތަކަށް ހެދުމަށްޓަކައި ޤާނޫނަށް ބަދަލުގެންނަވާފައިވާކަން ފާހަގަކުރައްވަވާފަ އެވެ. އަދި މިފްކޯ އެކްޓެންޝަން މަޝްރޫޢުގެ ތެރެއިން ކޫއްޑޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެކަމަށް ވެއް ވިދާޅުވި އެވެ.
މީގެ އިތުރުން ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް ޔޫ.އެސް.ޕީގެ ދަށުން ހޮސްޕިޓަލް ޕްރޮޖެކްޓްގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގއ. އަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވަނީ ރައީސް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށާއި، އަތޮޅުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި އަތޮޅު ކައުންސިލްގެ ފަރާތުން ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގއ އަތޮޅު ކައުންސިލުން އެ އަތޮޅުގެ ތަރައްޤީއަށް ރާވައިފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އަތޮޅުގެ ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށްރަށުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ވަނީ ޙިއްޞާ ކުރައްވާފަ އެވެ.
އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލުން ރަށްރަށުގެ ކައުންސިލާއި ބައްދަލުކޮށް އެރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވެވި އެވެ. އަދި މިކަމަށް ޙައްލު ހޯދުމަށްޓަކައި ކައުންސިލަށް އާމުދަނީ ލިބޭނެފަދަ ގޮތަކަށް ފަޅު ރަށުގެ ބޭނުން ހިފޭނެ މަގުފަހިކޮށްދެއްވުމަށް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފަ އެވެ.
މީގެ އިތުރުން އަތޮޅުގައި ހަދަމުންދާ ރިސޯޓުތައް އަވަހަށް ނިންމުމަށް ސަރުކާރުން ކޮށްދެވެންހުރި މަސައްކަތް ކޮށްދެއްވައި އެ ރިސޯޓުތަކުން ރައްޔިތުންނަށް ފައިދާލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފަ އެވެ.
ހަމަމިއާއެކު އަތޮޅު ކައުންސިލުން ވަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަނާލެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފަ އެވެ. އަދި ކޫއްޑޫ އެއަރޕޯޓުގައި ބައެއް ވަޞީލަތްތައް މަދުވުމުން ކުރިމަތިވާ ދަތިތައް ވެސް އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް