މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފުރަތަމަ ޤައުމީ ޖަލްސާ ފުރަތަމަ ފަހަރަށް ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީގެ ގައުމީ ޖަލްސާ ބޭއްވުމަށް އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު އެވެ.
ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ އެމްއާރުއެމް އިން ބުނީ އެޕާޓިގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވަނީ ކޮވީޑާއި ގުޅިގެން ކަމަށެވެ.
އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު އަދިހަމަނުވާ ކަމަށް ވެސް އެޕާޓީން ބުނެ އެވެ. އަދި ޤައުމީ ޖަލްސާ އޮންނާނީ އޮންލައިންކޮށް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ.
އެމްއާރުއެމްގެ ޤައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ އެޕާޓީގެ މެންބަރުންނަށް އެ ފުރުޞަތު، މިއަދުގެ ނިޔަލަށް ވަނީ ހަމަވާނެ އެވެ.
އެހެންކަމުން، ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާގައި މަންދޫބުންގެ ގޮތުގައި ބައިވެރި ވުމަށް އެދޭ މެންބަރުން، މަންދޫބަކަށް ވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެޕާޓީން އެދެއެވެ.
އެޕާޓީގައި 3048 މެންބަރުން މިވަގުތު އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް