ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމަކީ އެމްޑީޕީން ކުރާ ކަމެއް ނޫން!

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ތައްޔާޜު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމަކީ އެމްޑީޕީން ކުރާ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ. މިއަދު ...

26 Aug 2021 | 12:34

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ތައްޔާޜު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމަކީ އެމްޑީޕީން ކުރާ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެޕާޓީން އިސްވެ އޮވެ އިންތިޒާމް ކުރާ ކަންކަން ހިނގާނީ ޕާޓީގެ އޮފީހުގައި ކަމަށެވެ. އެކަމަކު ޕެޓިޝަންގައި ސޮއި ކުރުމަކީ ރަސްމީކޮށް އެ ޕާޓީން ކުރާ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ހަރުގެ އެ މަސައްކަތަށް ދޫކޮށްފައިވަނީ އާންމު މެމްބަރުން ހިންގާ ހަރަކާތްތަކަށް ތަން ދޫކުރާ އުސޫލުން ކަމަށެވެ.

ހަސަން ވިދާޅުވީ ހަރުގެ ބޭނުން ކުރުމުގެ ހުއްދައަށް އެދުނީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ކަމަށެވެ. އަދި އެކަން އެ ބޭފުޅުން ކުރައްވަމުން ގެންދަވަނީ އަމިއްލަ ޖަމިއްޔާ އަކާއި ގުޅިގެން ކަން ޕާޓީގެ އޮފީހަށް އަންގާފައިވާަ ކަމަށް ހަސަން ވިދާޅުވި އެވެ.

އެކަމަށް ޕާޓީން އެއްވެސް ހަރަދެއް ނުކުރާކަން ފާހަގަ ކުރައްވާ ހަސަން ވިދާޅުވީ، ފޮޓޯކޮޕީ ނެގުމާއި އެހެނިހެން ގޮތްގޮތުން ޕެޓިޝަނުގެ މަސަައްކަތަށް އެމްޑީޕީން އެހީވާން ވެސް އެ މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަން މިހާރު އަންގާފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ އެފަދަ ކަމެއް ޕާޓީން އޮސްވެ އޮވެ ކުރާނަމަ ވަރަށް ކުލަ ގަދަކޮށް ކުރާނެ ކަމަށެވެ.

ހަސަން މިހެން ވިދާޅުވި އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ނޫނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި  ތާއީދު ނުކުރައްވާކަން ހާމަ ކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއި ކުރުމަކީ އެދިވަޑައިގެންނަވާ ކަމެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް މެސެޖު ކުރައްވާ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް