ނިދުމަކީ އިންސާނުންނަށް އޭގެއިން އެތަކެއް ގިނަގުނަ ފައިދާތަކެއް ކުރާ ކަމެކެވެ. ހަމަ އެގޮތައް އިންސާނާއަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީވެސް އެހާމެ ބޮޑަށް ގެއްލުން ހުރި ކަމެކެވެ. އަހަރެމެން އާންމުކޮށް ނިދާ އުޅެނީ ރޭ ގަނޑުގެ ވަގުތުގައެވެ. އެހެން ނަމަވެސް ބައެއް މީހުން ދުވާލުވެސް ނިދާ އުޅެއެވެ. ރޭ ގަނޑު ނިދިނަމަވެސް ދުވާލުގެ ވަގުތުގައި ކޮންމެވެސް ވަރަކަށް ނިދާލުމަކީ ވެސް ސިއްޚީ ގޮތުން ފައިދާ ބޮޑު ކަމެއް ކަމަށް ދިރާސާ ހޯދުންތަކުން ދައްކައެވެ.
ކޮންމެ ދުވަހަކު ވެސް ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނިދާލުމުން އިންސާނާގެ ސިކުނޑިއަށް ލިބޭ ފައިދާތައް ގިނަކަމަށް ހޯދުންތަކުން ދައްކައެވެ.
ޒަމާން ކުރިއަރަމުން އަންނަ ވަރަކަށް ކުރަންޖެހޭ މަސައްކަތްވެސް ދަނީ އިތުރުވަމުންނެވެ. ދުވާލަކު އަށް ގަޑިއިރާއި 10 ގަޑިއިރާ ދެމެދު އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ނުވަތަ ސްކޫލުން ނިމިގެން ގެއަށް އައުމަށްފަހު ސިކުނޑިއަށް އެންމެ ބޭނުންވާނީ އަރާމެވެ. ހަށިގަނޑު ވެސް އެންމެ ބޭނުންވާނީ ސްޓްރެސް ލެވެލްތައް ދަށްކޮށްލައި، ސިކުނޑި ތާޒާކޮށްލައި، ބުންވަރު ރަނގަޅުކުރުމަށެވެ. އެ އިހުސާސްްތަކަކީ އަހަރުމެން ދުވާލު ގަޑީގައި ރެސްޓު ކުރުމަށް ނުވަތަ ކުޑަ ވަގުތު ކޮޅަށް ނިދާލުމަށް ބޭނުންވާ މައިގަނޑު ސަބަބެވެ.
ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލުގެ ކުޑަ ވަގުތުކޮޅަކަށް ނިދާ މީހާގެ ސްޓްރެސް ލެވެލް ވަރަށް ދައްވެއެވެ. ކުޑަ ވަގުތުކޮޅަކު ނިދާލާފައި ހޭލާއިރު މީހާގެ ސިކުނޑި ހުންނާނީ ތާޒާވެފައެވެ. އޭރުން ކުރާ މަސައްކަތްތައް ބަރާބަރަށް ކުރުމަށް ހިއްވަރުލިބި ފަސޭހަވެއެވެ.
ސަބަބަކީ ކަންކަމާއި މާބޮޑަށް ވިސްނުމުން ހަށިގަނޑުގައި އުފެދޭ ހޯމޯނެއް ނުވަތަ ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލްގެ މިންވަރު ދަށްވުމެވެ. އަދި ނިދަން އާދަކޮށްފައި ހުންނަ މީހުންނަށް ހިތުގެ ބަލިތައް ދިމާވުމުގެ ފުރުސަތު ވެސް ވަރަށް ކުޑަ ކަމަށް ދިރާސާއިން ދައްކަ އެވެ.
އެމެރިކާއިން ކުރި ތަހުލީލެއްގައި ބުނެފައިވާ ގޮތުގައި ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދުމުން އެންމެ ފައިދާ ވަނީ އަހަރުމެންގެ ވަށައިގެންވާ ކަން ކަަމަަށް ސަމާލުވުމަށެވެ. ވިސްނުމާއި ހަނދާނުގެ ބާރު ކޮންޓްރޯލް ކުރުމަށް އިތުރު ބާރެއްލިބެއެވެ.
މި ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ނިދަން އާދަ ކުރުމަކީ މުހިންމު ކަމެކެވެ. ނިދާ ގަޑި ތަފާތުވެއްޖެނަމަ ބޭނުންވާ ކަހަލަ ނަތީޖާއެއް ނުލިބެއެވެ. ސިކުނޑިއަށް އަރާމު ދިނުމަށް ނިދަން އެންމެ ރަނގަޅު ގަޑިއަކީ މެނދުރު 1:00 އިން މެންދުރުފަހު 3:00 ދޭތެރޭގަ އެވެ. ދެ ވަނަ ކަމަކީ ކުޑަ ވަގުތު ކޮޅަކަށް ނިދަން ފަރިތަކުރުމެވެ. ނިދާލަން އެހާ ވަގުތު ދެވެން ނެތް ދުވަހެއްނަމަ އެ ދުވަހަކު އެންމެ ގިނައިރުވެގެން ވެސް ނިދަން ވާނީ 30 މިނެޓެވެ. ތިރީސް މިނެޓައްވުރެ ގިނަ އިރުވެއްޖެ ނަމަ ހޭލާއިރު ހުންނާނީ 'ބޮލަށް ބަރުވެފައެވެ. އެހެން ކަމުން އެ ނިދިން ސިކުނޑިއަށް ފައިދާއެއް ނުކުރެއެވެ.
މި ހޯދުންތަކުން ދައްކާ ގޮތުގައި އަނދިރިތަނެއްގައި ނިދުމަކީ އެންމެ އެދޭގޮތެވެ. އަދި ހަށިގަނޑުގެެ ފިނިހޫނުމިން އެންމެ ހެޔޮ ވަރުގައި ބެހެއްޓުމަކީވެސް މުހިންމު ކަމެއް ކަމަށް ވެއެވެ. އެގޮތުން އެއާކޯން ފިނީގައި ނިދާނަމަ ހަށިގަނޑަށް ފިނިވިޔަ ނުދީ ރަޖާ އަޅައިގެން ނިދުން ނުވަތަ ހޫނު ދުވަހެއް ނަމަ ފަންކާ އެންމެ ބާރަށް އަނބުރާލައިގެން ނިދުމުން ލިބޭ އަރާމުކަން އިތުރުވާ ކަމަށް ވެސް މި ހޯދުންތަކުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް