އުމުރުން13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރު ކޮށްފި އެވެ.
އެ މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ، ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށެވެ. މިއަދު ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައިވަނީ ޒިހާންގެ މައްޗަށެެވެ.
މިއަދު ހެނދުނު 11:00 ގައި ފެށި ޝަރީއަތުގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ޝަރީއަތް ސިއްރު ކުރެވިދާނެ އެވެ. އެހެންވެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކުގެ ޝަރީއަތް އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
މި މައްސަލައިގަ ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ13 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޒިހާނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ އެވެ.
17 އަހަރުގެ ކުއްޖާ އާއި ދެކޮޅަަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ކުއްޖާ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ.
13 އަހރު ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަށް ލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުގެ ކަރުތާފެނާއި ހިސާބުންނެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް