މިސަރުކާރުގެ މުހިންމު ވައުދެއް ކަމަށްވާ ތިލަފުއްޓާއި މާލެ އާއި ދެމެދު އަޅާ ބްރިޖުގެ އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެފްކޮން އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.
ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މާލެ ތިލަފުށީ ލިންކް ބްރިޖުން މާލެ، ވިލިމާލެ އަދި ގުޅީ ފަޅާއި ތިލަފުށީ ގުޅާލާނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހެދޭ އެންމެ ދިގު ބްރިޖަށް ވާނެ އެވެ.
މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމު ކުރެވޭނެ އެވެ.
މި ލިންކުގައި ހިމެނޭ ކޮންމެ ބްރިޖެއްގައި ވެސް ކަނޑު އުޅަނދުފަހަރަށް ދަތުރުކުރެވޭ ގޮތަށް ނެވިގޭޝަން ބްރިޖް ބައެއް ހިމެނޭނެ އެވެ. މިއީ 70 މީޓަރު ފުޅާ 12 މީޓަރު އުސް މިނުގައި ކޮންމެ ކަނޑުއޮޅިއެއްގައި ގާއިމު ކުރެވޭ ބްރިޖްތަކެކެވެ. މިތަނުގެ ދަށުން ބޮޑެތި މަސް ދޯނިފަހަރަށާއި، މުދާ އުފުލާ ދޯނިފަހަރާއި، ބާޖުތަކަށް ދަތުރުކުރެވޭނެ އެވެ. އެކަމަކު އެއްވެސް ސައިޒެއްގެ އާގުބޯޓަކަށް ދަތުރެއް ނުކުރެވޭނެ އެވެ.
މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންންނެވެ. އެގޮތުން، ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު ހޭދަ ކުރާއިރު އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ އެވެ.
ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރު ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް