ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރީ ވިސާގެ މުއްދަތު ހަމަވެގެން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޖިންސޯ ގޯނާގެ އެތައް ދައުވާއެއް އުފުލާފައިވަނިކޮށް އޭނާ އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސް ފަަރުވާއަށް ކަމަށްބުނެ ކޯޓު މެދުވެރިކޮށް ވިސާ ހޯދައިގެންނެވެ. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ10 ވަނަ ދުވަހު އެވެ.
އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަން އިއުލާނުކޮށްފައި ވަނިކޮށް އަލީ ހައްޔަރު ކުރީ ހަވީރު އެވެ. އެކަމަކު ރެއާ ހިސާބަށް ހައްޔަރު ކުރި ސަބަބު އޮތީ ނޭނގިފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ އިނގިރޭސިވިލަތުގައި ހުރުމަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެގެންނެވެ. އޭނާ މިވަގުތު ހުރީ އެ ގައުމުގެ ޑިޓެންޝަން ސެންޓަރެއްގައި ކަމަށްވެ އެވެ.
އިނގިރޭސިވިލާތަށް ދާ ދިވެހިންނަށް އާންމުކޮށް އެއް މަސް ދުވަހުގެ އޮން އެރައިވަލް ވިސާއެއް ލިބޭއިރު، ޓޫރިޒަމާއި އާއިލާއާ ބައްދަލުކުރަންދާ ދިވެހިންނަށް ހަ މަސް ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރެވެ އެވެ.
އަލީ އިނގިރޭސިވިލާތަށް އެތެރެވެފައިވަނީ ތުރުކީ މަގުންނެވެ. އެެއީ އޭރު ކޯވިޑްގެ ހާލަތާއި ގުޅިގެން އިނގިރޭސިވިލާތަށް ރާއްޖެއިން ސީދާ ދަތުރު ކުރެވެން ނެތިގެންނެވެ
އަލީ ހައްޔަރު ކުރި މައްސަލައިގަ ފުލުހުން ބުނީ އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހުގެ ޖަލު ހުކުމެއް އައިސްފައިވަނިކޮށެވެ އަދި އަލީ ވަހީދު ހޯދުމަށް ދިވެހިން ފުލުހުން ގެންދިޔައީ، އިނގިރޭސިވިލާތުގެ ފުލުހުންނާއި އިންޓަޕޯލްއާއެެކު މަސައްކަތް ކުރަމުންނެވެ.
މިނިސްޓަރުކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް