ރިޒްޤު ހޯދާން އެދޭމީހާ ހީވާގިކަމާއެކު މަސައްކަތްކުރާން ޖެހޭ، ރޭގަނޑު ހޭލާ ހުރެފައި ފަތިހު ނިދާމީހާ އިލާހީ ރިޒްޤުން މަޙްރޫމުވާކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ " ރިޒްޤުގެ ބަރަކާތް ހޯދާށެވެ!" މި މަޢުލޫއެވެ.
މި މަޢުލޫގައި ޚުޠުބާގައި ބުނެފައިވަނީ ރިޒްޤު ހޯދުމަށް ޓަކައި މަސައްކަތްކުރުމަކީ، ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ މަޚްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެއް ކަމަށާއި ދޫނިސޫފާސޫފި ވެސް ހެނދުނު އެ ސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، ރިޒްޤު ހޯދުމަށް ކަމަށެވެ. އަދި ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާ ކަމަށެވެ.
"މިއަދު މި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެފައި، މީސްތަކުންގެ މުހުތާދުތައް ގިނަވެފައި، އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޟަރޫރީ ކަންކަމަށް ބަދަލުވެފައި، މީގެ އެއް މިސާލަކީ އެއާކޮންޑިޝަން، މީގެ އަހަރުތަކެއް ކުރިން އެއީ ޟަރޫރީ ބޭނުމެއް ނޫން، ނަމަވެސް މިއަދު އެއާ ނުލައި އުޅެވޭކަށް ނެތް، މޯބައިލް ފޯނާއި ކޮންޕިޔުޓަރު ފަދަ ވަސީލަތްތައް ވެސް އެ ފަދަ، މި ކަމުގެ ސަބަބުން ކުރާންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހޭ، މުއުމިނުން ދަންނާން ޖެހޭނެ އެއް ކަމަކީ، މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާކަން، ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ބުނެފައިވާގޮތުގައި ރިޒްޤު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރާން ޖެހޭނެއެވެ. ޙައްޤު ގޮތުގައި ރިޒްޤު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދައެވެ. އޭނާއަށް ﷲ ރިޒުޤު ތަނަވަސްކޮށް ދެއްވާނެއެވެ.
އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވާކަމަށާއި މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމަށެވެ. މީހުންގެ ލޯތްބާއި އިޙްތިރާމު ލިބޭނެ ކަމަށެވެ. އަދި މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި އަދި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށެވެ. ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންކަންވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
"ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ، އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް، އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވޭ، ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް، އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެ، ފަތިސްނަމާދު ނުކުރުމުން ﷲގެ ރުއްސެވުމުން އޭނާ މަޙުރޫމުވާނެ، މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙްރޫމު ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެ، ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެ، މި ފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުން، އޭނާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް ގެއްލުނީ، ހިތާމައިގެ ކޮޅެއް ވެސް ނެތް، ރިޒްޤަކީ ﷲ ބައްސަވާ އެއްޗެއްކަން ދަންނަންވާނެ، އެކަލާނގެ މަޚްލޫޤާތުންގެ މެދުގައި ރިޒުޤު ބައްސަވަނީ އެކަލާނގެ ދެނެވޮޑިގެންވާ ޙިކްމަތެއްގެ މަތީން" ޚުޠުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވަނީ މުއުމިނުންނަކީ ކާމިޔާބީގެ ސަބަބުތަކުގައި ހިފެހެއްޓުމަށް ފަހު، މާތް ﷲއަށް ވަކީލުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ، އެމީހުންގެ ރިޒްޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް