ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.
އަރބަންކޯއިން ތަރައްގީ ކުރި މި ޕާކު ހުޅުވީ މިއަދު ހަވީރު، މިނިވަން ދުވަހާ ގުޅުވައިގެންނެވެ. ޕާކު ހުޅުވުމާއެކު ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.
މި ޕާކު ތަރައްގީ ކޮށްފައި ވަނީ އެޗް ހަތަކާއި އެޗް 11 އާއި ދެމެދުގައި އެވެ.
އަރބަންކޯއިން މީގެ ކުރިން ބުނެފައި ވަނީ އެ ޕާކުގައި ކުދިންނަށް ކުޅޭނެ ގިނަ ސާމާނު ބަހައްޓާނެ ކަމަށެވެ.
މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކްތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުދެ އެވެ. އެގޮތުން މި ސަރަހައްދުތަކުގައި ގަސް އިންދާ އަދި، އާއްމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
އަރބަންކޯއިން ނިންމާފައި ވަނީ މި ޕޮކެޓް ޕާކްތައް ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރުމުގެ މަގު ފަހި ކޮށްދިނުމަށް ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް