ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭން އޭޑީކޭއިން ތައާރަފުކޮށްފި

ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށް، ރޭ އެ ހިދުމަތް ދޭން ފަށައިފިއެވެ. މި ސްކޭންގެ އެއް ބޮޑު ބޭނުމަކީ ކެންސަރު ސްކްރީނިން އަށް ވިޔަސް ހިތާއި ސިކުނޑީގެ ބަ...

26 Jul 2023 | 15:33

ކެންސަރު ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށް، ރޭ އެ ހިދުމަތް ދޭން ފަށައިފިއެވެ.

މި ސްކޭންގެ އެއް ބޮޑު ބޭނުމަކީ ކެންސަރު ސްކްރީނިން އަށް ވިޔަސް ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެ ހިދުމަތް ބޭނުންވާ މީހުންނަށް އެ ހޮސްޕިޓަލުން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

އެ ހިދުމަތަށް މި ވަގުތު ނަގަން ނިންމާފައި ވަނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ.

ނަމަވެސް އާސަންދަ އާއި އެންސްޕާ މެދުވެރިވެގެން އެ އަގު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ  ވިދާޅުވެފައެވެ. އަދި ގިނަ ގޮންޖެހުންތަކަކާ އެކު ވެސް، ޕެޓް ސްކޭންގެ ހިދުމަތް ފެށުމުން ރާއްޖެ އިން ބޭރަށް މީހުން ދާން ޖެހޭ ދިއުން ނިމުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.

"މިކަން ކުރަމުން އައިއިރު ވަރަށް ގިނަ ތަފާތު ގޮންޖެހުންތައް ދިމާވި. ހާއްސަ ގޮތެއްގައި ރާއްޖޭގައި އަޅުގަނޑުމެން އާ ގައިޑްލައިންތައް ހަދަން ޖެހުނު. ހާއްސަ ގޮތެއްގައި ނިއުކްލިއާ އިންޖެކްޝަނެއް އެތެރެކުރަން ޖެހޭތީ. އެ ބޭސް އުލާކަން ޖެހޭ ގޮތްތަކާއި އެކި ކަހަލަ އާ ކަންކަމަށް،" އަފްއާލް ވިދާޅުވި އެވެ.

އެ ހިދުމަތް ދޭން ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެތެރެކުރަނީ އިންޑިއާ އިންނެވެ.

"މިކަން ހަމައެކަނި ރާއްޖޭގައި ހަމަޖެހުމަކުން ވެސް ނުފުދޭ. އަޅުގަނޑުމެން އެބަ ޖެހޭ ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ފަރާތްތަކުން ވެސް އެކިއެކި ހުއްދަތައް ނަގަން. އެގޮތުން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ އިންޑިއާގައި އެކަން ކުރާ ގޮތަށް،" އަފްއާލް ވިދާޅުވި އެވެ.

މީގެ އިތުރަށް، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ޕެޓް ސްކޭން ކުރާނީ ކެންސަރަށް އެކަނި ނޫން ކަމަށެވެ. ބައެއް ކަހަލަ ނާރުގެ ބަލިތަކަށާއި މެޓަބޮލިކް ބަލިތައް (ހަކުރު ބަލި ފަދަ ބަލިތައް) ބެލުމަށް ވެސް ޓެސްޓު ހެދޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި އެންމެ ފުޅާ ދާއިރާއެއްގައި މި ޓެސްޓް ހަދަނީ ކެންސަރު ދެނެގަތުން އަދި ކެންސަރު ފެތުރިފައި ހުރި މިންވަރު ދެނެގަތުމަށާއި ފަރުވާ އަކަށް ފަހު ކެންސަރު ނައްތާލުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ހުރިތޯ ބެލުމަށް،" ޑރ. ނިޔާފް ވިދާޅުވި އެވެ.

އޭޑީކޭ އިން ވަނީ އެކަމަށް ހާއްސަ ޑިޕާޓްމެންޓެއް ގާއިމް ކޮށް، އެތަނުގައި އެ އެކަމަށް ބޭނުންކުރާ ބޭހާއި އެހެނިހެން ތަކެތި ގެންގުޅޭނެ ނިޒާމެއް ވެސް ވަނީ ގާއިމްކޮށްފައެވެ. ޑރ. ނިޔާފް ވިދާޅުވީ ޕެޓް ސްކޭނަށް އެޕޮއިންޓްމެންޓް ހެދުމުން ކަނޑައެޅޭ ވަކި ދުވަހެއްގައި ނިޔުކްލިއާ ފިޒިޝަނަކަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބަލިމީހާއަށް ނިއުކްލިއާ ޓްރޭސާ މެޓީރިއަލް ދޭނެ މިންގަނޑު ކަނޑައަޅާނީ ސިއްހީ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ބޭރަށް ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް