މާލެ ދޫކޮށް އަތޮޅުތަކަށް ހިޖުރަ ކުރާ މީހުންނަށް ގެދޮރާއި މާލީ އެހީ ދޭނެކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
އެ ޕާޓީން ރޭ ތައާރަފް ކުރި ލާ މަރުކަޒީ ބަދަލުގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި މާލެއަށް ވަސީލަތްތަކާއި ހިދުމަތްތައް މަރުކަޒީވެ އާބާދީ އެކީ ތޮއްޖެހި ދިރިއުޅެން އެކަށީގެންނުވާ ވަރުގެ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ގާއިމްކުރުވޭ އާބަން ސެންޓުތަކަށް އުމްރާނީ ތަރައްގީ ފަހިކޮށްދޭނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ. އަދި އެއާއެކު މާލެއަށް ޖަމާވެފައިވާ އޮތް އާބާދީއާއި މަސައްކަތްތަކާއި ވަޒީފާތަކާއި އިމާރާތްތަކާއި ބާރުތައް އާބަން ސެންޓަރުތަކަށް ބަހާލާނެ ކަމަށްވެސް ބުނެ އެވެ.
މީގެ އިތުރަށް، ސިޔާސަތުން ބުނީ މާލެއިން ބޭރަށް ހިޖުރަކުރުމަށް ބާރު އެޅުމަށް ސެޓަލްމަންޓް އެލަވަންސްއަކާއި ބޯހިޔާވަހިކަން ލިބޭނެ ޕްރޮގްރާމެއް ތައާރަފް ކުރާނެ ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނި ގޮތުގައި އެ ޕާޓީގެ ސަރުކާރެއް ތަރުތީބުވެގެން އަންނާނީ ކޮންމެ ރަށެއްގެ އިހުތިސާސް އެ ރަށަކަށް ކަށަވަރު ކުރުމުގެ އިތުރަށް އަތޮޅު ދުނިން އެތެރޭގައިވާ ރަށްރަށާއި ބިންބިމާއި ފަޅުރަށްރަށާއި ރުއްގަހާއި ދިރުންތައް ހިމެނޭ ގޮތަށް އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން އެ އަތޮޅުތަކަށް ގާނޫނު އަސާސީގައި ކަނޑައަޅިގެން ބަޔާންކުރެވިގެން ލިބޭނެ ލާމަރުކަޒީ ބަދަލަކާއެކު ކަމަށެވެ.
"ބަޖެޓުން އެތިކޮޅެއް އެކަނި ބެހުމުގެ ބަދަލުގައި މަސައްކަތްތަކާއި އާބާދީއާއި ވަޒީފާތަކާއި މުވައްޒަފުންނާއި އިމާރާތްތަކާއި އަދި ބާރުވެސް ގާނޫނުގައި ލިޔެވިގެން ލާމަރުކަޒު ކުރެވޭނެ އެވެ" ސިޔާސަތުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް