ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކުގައި ސޮއިކުރައްވައި އެ ލިޔުންތައް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް މިހާރު ލިބިފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޖަލު ހުކުމުގައި ތިބޭ މީހުން ފޮނުވާ ލިޔުންތަކަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން، ވަކި އުސޫލަކުން ފޮނުވޭ އެއްޗިއްސަށް ވާތީ ކެންޑިޑެސީ ފޯމާއި އެކަމާ ގުޅޭ ލިޔުންތަކުގައި ޔާމީން ލައްވައި ސޮއިކުރުވައި ފޮނުވައިދިނުމަށް ޕީޕީއެމުން ކުރިން އޮތީ ކަރެކްޝަންސްގައި އެދިފަ އެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެ މަނިކުފާނު ސޮއިކުރައްވައި ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ވަނީ ލިބިފައި،" ޕީޕީއެމްއިން ބުނެފައިވެއެވެ.
ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. އެކަމަކު މިއީ އަދި ސުޕްރީމް ކޯޓާ ހިސާބުން ނިމި ނިހާއީ ހުކުމަކަށް ނުވާތީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް