މި ވަގުތު ތިބި ޓީޗަރުންނަށް ޑިފޯލްޓުން ލައިސަންސް ލިބޭނެ: މިނިސްޓަރު

ހިދުމަތުގައި މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ޑިފޯލްޓުން ލައިސަންސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ. ތައުލީމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޓީޗާސް ރަޖ...

26 Jul 2023 | 15:27

ހިދުމަތުގައި މި ވަގުތު ތިބި ހުރިހާ ޓީޗަރުންނަށް ޑިފޯލްޓުން ލައިސަންސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދު އާއްމުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ ލައިސަންސަށް އެދުމަށް ވަނީ ހުޅުވާލައިފައެވެ. ނަމަވެސް އޮގަސްޓް 2021 ގައި އަމަލުކުރަން ފެށި އެ ގާނޫނުގައި އޮންނަނީ ދެ އަހަރުގެ ތެރޭގައި ޓީޗަރުންނަށް ލައިސަންސް ދޭންޖެހޭނެ ކަމަށެވެ. އެގޮތުން، އަންނަ މަހުގެ 6 ގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން 10،000 އެއްހާ ޓީޗަރުންނަށް ލައިސަންސް ދޭން ޖެހޭނެއެވެ.

ޓީޗާސް ރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މިނިސްޓަރު ވިދާޅުވީ މި ވަގުތު ހިދުމަތުގައި ތިބި ހުރިހާ ޓީޗަރުންނަށް ވެސް ލައިސަންސް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް، އިދާރީ ބައިތައް ފުރިހަމަ ކުރުމަށް ތައުލީމީ ސެޓްފިކެޓާއި ފޯމުތައް ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ތައުލީމީ ދާއިރާގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ބައި-ޑިފޯލްޓް ލައިސަންސް ލިބޭ. މި ގަވައިދާ އެއްގޮތަށް ލައިސަންސް ދޭނީ މީގެ ދެ އަހަރު ފަހުން، ކިޔަވަން ފަށާފައި ހަތަރު އަހަރު ނިންމާ ކުދިންނަށް. މިހާރު ތައުލީމީ ދާއިރާގައި ތިބި ހުރިހާ ބޭފުޅުންނަށް ލައިސެންސް ލިބޭނެ، މި ޓާމް ނިންމާލާނަން އެކަން ވެސް ކޮށްފައި. މި ގަވައިދު ގެޒެޓު ކުރެވުނު ހިސާބުން، އަޅުގަނޑުމެންގެ ވަޒީފާގައި ތިބި ހުރިހާ މުދައްރިސުންނަކީ ލައިސަންސް މީހުން." މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ބޭނުމަކީ އެ މީހުންގެ ފެންވަރު ކަށަވަރު ކުރުމާއި ކުދިންނާއި ބެލެނިވެރިންގެ އިހުތިރާމާއި ލޯބި ލިބިދޭ ބަޔަކަށް ހެދުން ކަމަށެވެ.  އަދި ކިޔަވައިދިނުމަށް ލައިސަންސް ދެނީ ވެސް ވަކި މުއްދަތަކަށް ވާތީ، ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދާއިރު ސެޓްފިކެޓުތަކާއި ޕޮލިސް ރިޕޯޓާއި ޓީޗަރުންގެ ސުލޫކީ މިންގަނޑަށް އަމަލުކުރުމުގެ އިގުރާރާއި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުށަހަޅަންޖެހެއެވެ. އަދި ދިވެއްސެއް ނަމަ ކުށުގެ ރިކޯޑު ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އެ އުސޫލުގައި ބުނާގޮތުން ޓީޗަރުންނަށް ލައިސަންސް ދޭނީ މިހާރު ވެސް އެ މީހުންގެ ވަޒީފާގެ އޮނިގަނޑު އޮންނަ ގޮތަށް، ހަތް ރޭންކަށެވެ. ސްކޫލްތަކުގެ އިސްވެރިންނަށް ދޫކުރާ ލައިސަންސް ވެސް ވަނީ އެކި ރޭންކުތަކަށް ބަހާލައިފަ އެވެ. ޑެޕިއުޓީ ޕްރިންސިޕަލުން އަދި ޕްރިންސިޕަލުން ވެސް ތިން ރޭންކަކަށް ބަހާލާފައިވާއިރު، ސުޕްރިޓެންޑެންޓްގެ ނަމުގައި ދެ ރޭންކެއް ތައާރަފްކޮށްފައިވެ އެވެ. ތެރަޕިސްޓުންނާއި ކައުންސެލަރުން އަދި ހެލްތު ވޯކަރުންނާއި ސްޕޯޓްސް ސުޕަވައިޒަރުން އަދި ލައިބްރޭރިއަން ފަދަ މަގާމުތަކަށް ދޫކުރާނީ، ގަވައިދުގައިވާ ބުނާގޮތުން ސްކޫލު ޕްރޮފެޝަނަލް ލައިސަންސެވެ.

ޓީޗިން ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށް ނަމަވެސް، ދާއިމީ މަގާމުތަކަށް ޝަރުތު ހަމަވާ މީހުން ނުލިބޭތީ ވަގުތީ ގޮތުން ނަގާ ޓީޗަރުންނަށް ދެ އަހަރުގެ ލައިސަންސެއް ދޫކުރާނެ ކަމަށް އާތިޔާ ވިދާޅުވެފައުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް