މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ރޮބޯމޭން ކެރެކްޓާއަށް ދީފިއެވެ.
ރޮބޯ މޭން ކެރެކްޓާއަށް މި ހާއްސަ އިނާމު ދީފައިވަނީ ހުނަރުވެރި ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ދެވޭ އިނާމެއްގެ ގޮތުގައެވެ.
ރޮބޯމޭން ކެރެކްޓަރ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެންދިޔައީ، 2015 ވަނަ އަހަރުއެވެ. މިއަދު ރޮބޯމޭން ވެފައި ވަނީ ވަރަށްގިނަ ބައެއްގެ، ޚާއްޞަކޮށް ކުޑަކުދިންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާއި ޤަދަރެއް ދެވިފައިވާ ކެރެކްޓަރަކަށެވެ. ތަފާތު އެތައް މުނާސަބަތުތަކެއްގައި، ރޮބޯމޭންގެ ހަރަކާތްތައް ފެނިގެން ގޮސްފައި ވެއެވެ. މާލޭގެ އިތުރުން، ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައްޔާއި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ރޮބޯމޭން ފެނިފައި ވެއެވެ. އަދި ރާއްޖެ ތަމްސީލުކޮށްފައިވެއެވެ.
މި ކާމިޔާބީއާއި ގުޅޭގޮތުން ރޮބޯމޭން ބުނެފައިވަނީ މިއީ އުފާވެރި ވަގުތެއް ކަމަށާއި މި ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އާއިލާއިން ދެމުން އަންނަ އިމެއްނެތް ތާއީދަށާއި އެކުވެރި ރަހުމަތްތެރިން އަދި މި ހުވަފެން ހަގީގަތަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކުރަން" ރޮބޯމޭން ބުނެފައިވެއެވެ.
ރޮބޯމޭންގެ ފޭނުން ކަމުގައިވާ ކުޑަކުދިންނަށާއި ރޮބޯމޭންގެ ނަން އެވޯޑަށް ނޯމިނޭޓްކޮށްދިން މުހައްމަދު ކުޑޫއަށްވެސް ރޮބޯމޭން ހާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް