އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ކޯލިޝަންގެ ލީޑަރ، ޕީޕީއެމްގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވެރިކަމަށް ގެނެސްގެން ނޫނީ މިގައުމު އަނބުރާ ދިވެހިންނަށް ނުލިބޭނެ ކަމަށް އިދިކޮޅު ކޯޅިޝަނުން ބުނެފިއެވެ.
އިދިކޮޅުން މިފަދައިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަޙުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުންނެވެ.
ޕީޕީއެމް ކޯލިޝަނުން ބުނީ، ދިވެހީން ފަޚުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ، ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިޙުސާސްތައް ކުރުވަމުން ކަމަށެވެ.
ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިޙުސާސް ކުރެވޭތޯ އެ ޕާޓީން ވަނީ ސުވާލު އުފައްދާފައެވެ.
"އިބްރާހީމް މުޙައްމަދު ޞާލިޙު އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ޤައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން މި ގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ޤައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތް" އިދިކޮޅުން ބުންޏެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ، ދިވެހި ޤައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ޚައްޞާޞް ވަގުތުގައި، ޤައުމުގެ މަސްލަހަތު ދިފާޢުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމެއް ކަމަށެވެ.
ރައީސް ޔާމީނާއި އެ ކޯލިޝަންގެ އުއްމީދާއި ދުޢާއަކީ މަދު ދުވަސްކޮޅެއްގެ ފަހުން ބައްދަލުކުރާ ރިޔާސީ އިންތިޚާބަކީ ޤައުމުގެ ޙާލަތު ބަދަލުކުރެވޭނޭ އިންތިޚާބެއްކަމުގައި ވުން ކަމަށް ޕީޕީއެމްއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް