ރޮނާލްޑޯ އެނބުރި މެންޗެސްޓަރ އަށް ދިޔައީ މުސްތަޤުބަލާއި މެދު ގޮތެއް ނިންމަން

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ އަށް ހިނގައްޖެއެވެ. ރޮނާލްޑޯ އެނބުރި މެންޗެސްޓަރ އަށް މި ދިޔައީ ގިނަ ދުވަސްތަކެއ...

26 Jul 2022 | 16:53

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ އަށް ހިނގައްޖެއެވެ.

ރޮނާލްޑޯ އެނބުރި މެންޗެސްޓަރ އަށް މި ދިޔައީ ގިނަ ދުވަސްތަކެއް ވަންދެން އަމިއްލަ ގައުމުކަމަށްވާ ޕޯޗުގަލްގައި ހުރުމަށް ފަހުގައެވެ. އޭނާގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑު ޕްރިސީޒަން މެޗުތަކަށް ތައިލެންޑާއި އޮސްޓްރޭލިޔާއަށް ކުރި ދަތުރުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ.

ރޮނާލްޑޯ އެނބުރި ދިޔައީ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އޭނާ އެނބުރި ޔުނައިޓެޑަށް ދިޔައީ އޭނާގެ މުސްތަޤުބަލާއި ގުޅޭ ގޮތުން ވާހަކަ ދައްކާށެވެ. އެގޮތުން ރޭގެ ވަގުތެއްގައި ރޮނާލްޑޯ އިނގިރޭސި ވިލާތައް ދިޔައިރު، އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް ވެސް ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ.

ރޮނަލްޑޯގެ މުސްތަޤުބަލާއި ގުޅޭގޮތުން ވާހަދައްކާ ގޮތެއް ނިންމުމަށް މިއަދު ޔުނައިޓެޑުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ކެރިންގްޓަންގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ބައްދަލުވުމުގައި ރޮނާލްޑޯގެ އިތުރުން އޭނާގެ އެޖެންޓް އަދި ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ އިތުރުން ޔުނައިޓެޑުގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް ވެސް ބައިވެރިވާނެއެވެ.

މި ބައްދަލުވުން މިހާރު ފެށިގެން ކުރިޔަށް ދާއިރު، މި ބައްދަލު ވުމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. މި ބައްދަލަުވުމުގައި ރޮނާލްޑޯ ކުލަބުގައި މަޑުކުރުމާއި މެދު ގޮތެއް ނިމިގެންދާނެއެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ފަހުން، ޔުނައިޓެޑުގެ އެއްވެސް ފަތިތަކުރުމެއްގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޔުނައިޓެޑުން އޭރު ބުނީ، ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށެވެ.

ކުލަބު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ޔުނައިޓެޑަށް ގެއްލުމުންނެވެ. އަންނަ ސީޒަނުގައި ޔުނައިޓެޑު ޔޫރޮޕާ ލީގުގައި ވާދަކުރާއިރު، ރޮނާލްޑޯ އެ ލީގުގައި ކުޅޭކަށް ބޭނުމެއް ނުވެއެވެ.

އެހެން ކަމުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ބޮޑު ކުލަބަކުން ރޮނާލްޑޯއަށް ޖާގައެއް ހޯދުމަށް އޭނާގެ އެޖެންޓު ޖޯޖް މެންޑޭސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޔޫރަޕުގެ ބޮޑު އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންދަން ބޭނުން ނުވާކަން ހަމަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޑޭސް ރޮނަލްޑޯ ގެންދިއުމަށް މަސައްކަތް ކުރިމަކަށް ރިޕޯޓުކޮށްފައިވަނީ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަންގެ ބަޔާން މިއުނިކުގެ އިތުރުން ޗެލްސީއަށެވެ. ނަމަވެސް މީގެން އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންދިއުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް