ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މިޤައުމުގެ އަމިއްލަ-ވެރިކަމާ މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާއި މުޚާތަބުކުރައްވާ ދެއްވި ޚިތާބުގައެވެ.
އެ ޚިތާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ރެޔާއި ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެމަސައްކަތް ކަމަށެވެ. އެތެރެއާ ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާ އަބަދު ހޭލާ ތިބެނީ ރާއްޖޭގެ ސިފައިންނާ ފުލުހުން ކަމަށެވެ.
މިނިވަންކަމަށްޓަކައި މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން އޮތުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާ ވިދާޅުވީ މުޖްތަމަޢުގެ ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޢާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާއި ރަށާއި އަތޮޅާއި މުޅިޤައުމުގައި ވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށާއި އެއްވެސް ބަޔަކު ބާކީ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ ޒުވާބުން އަރައި ނުގަނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް