ދިވެހިރާއްޖެ - ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ދިިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް އެކީ-އެއްމާރަކުން ބަނދެވިގެންވާ ހަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި އެދީނުގެ ރިޞާލަތާއި ޙިދާޔަތުން ދިވެހި އުންމަތް އެކުއެކީ އަލިވެ އުޖާލާވެގެން ދިއުމަކީ ދެދުނިޔޭގައިވެސް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާ ރަޙްމަތް ކަމަށެވެ.
"ދުނިޔޭގެ އަރި-ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް. އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ އަޅުގަނޑުމެންގެ އީމާނާ ޢަޤީދާ. މާތްވެގެންވާ އިސްލާމްދީން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ޤައުމެއްގެ މިނިވަންކަމަކީ އެޤައުމެއް ދިރިދެމި އޮތުމުގެ އެންމެ މުހިއްމު ރުކުން ކަމަށާއި ސުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި އުފާފާގަތިކަމާއި ތަރައްޤީ ގުޅިލާމެހެނީ މިނިވަންކަމުގެ ފޮނި މީރުކަމާ ކަމަށެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކީ އެކަތިގަނޑެއްގެ ގޮތުގައި މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައި ކަމަށެވެ. އަދި އިންޑިއާ ކަނޑަށް ދޮށީ މިޤައުމުގެ ލިޔެވިފައިނެތް ޤަދީމީ ތާރީޚާއި އޭގެފަހުގެ ތާރީޚުން މި މަންޒަރު ސާފުކޮށް ބަޔާންވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަން މުސްޠަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ ދިވެހިން ރުހޭ ގޮތެއް ނޫން ކަމަށާއި އަޅުގަނޑުމެންގެ ޖީލުތަށް އެގޮތުގައި އެތައްހާސް އަހަރެއް މިވަނީ ވޭތުކޮށްފައި ކަމަށެވެ.
"އެންމެންއެކުގާ، އެއްބައިވަންތަވެ އެކަތި ގަނޑަކަށް ވެގެންމެނުވީ، މިނިވަންކަން ލިބުނު ޤައުމެއް – ޖަމާޢަތެއް ނެތް. އަދި މިނިވަންކަމުގެ މަތީގާ ދެމިތިބުމަށްޓަކާވެސް އެނޫން އެހެން ގޮތެއް ނޯވޭ. އެދޭގޮތާ - ދެކޭގޮތާ - ގަބޫލުކުރާގޮތާ އެކުއެކީ ކަންކަމުގާ ޚިޔާލު ތަފާތު ވުމަކީ އިންސާނީ ތޮބީޢަތް. ކޮންމެ ބައެއް ކަމުގައިވިޔަސް، އެއީ އެކަން އޮންނަގޮތް." ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް މިނިވަންކަމުގެ ރާސްތާ އޮމާންކަމާއި އަމާންކަމުގާ ގަރާރުވެ ދެމިއޮތުމަށްޓަކައި މިދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ ކަމަށާއި ސަބަބަކީ މިނިވަންކަމުގެ އުފަލާއި އޭގެއަސަރާ ރަހަ، އެހެން ހުރިހާ އިޙްސާސަކާ ތަފާތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިނިވަން ކަމުން ފަރުދުންނަށްލިބޭ ހައްޤުތަކާއި އިމްތިޔާޒާ އިޚްތިޔާރަކީ އެންމެނަށް ހަމަ-ހަމަ އެކައްޗެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް