އިގްތިސޯދީ ކޮޅިގަނޑުގެ މިވަގުތުގައިވެސް ރައީސް ދިވެހިންނަށް ދެއްވީ އުންމީދު

ކޮވިޑާއި ގުޅިގެން އަޑި އަޅާލައިގެންދިޔަ ގައުމުގެ އިގްތިސާދު ހަމަމިނާ އަލުންގާތްވެފައިވަނިކޮށް ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއެކު އަނެއްކާވެސް އިގްތިސާދީ ކޮޅިގަނޑެއްގެ ތެރެއަށް މުޅި ދުނިޔެ ގެނބެމުންދާ މި ...

26 Jul 2022 | 06:42

ކޮވިޑާއި ގުޅިގެން އަޑި އަޅާލައިގެންދިޔަ ގައުމުގެ އިގްތިސާދު ހަމަމިނާ އަލުންގާތްވެފައިވަނިކޮށް ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއެކު އަނެއްކާވެސް އިގްތިސާދީ ކޮޅިގަނޑެއްގެ ތެރެއަށް މުޅި ދުނިޔެ ގެނބެމުންދާ މި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުންމީދެއް ދެއްވައިފިއެވެ.

މި އުންމީދު ރައީސް ދެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޯވިޑްއާ ގުޅިގެން ރާއްޖޭގެ އިޤުތިޞޯދު ، މިއިން ދުވަހަކު ނުދާހާ ދަށަށްދިޔަ ކަމަށާއި މިކަމާ ގުޅިގެން އެޅި ފިޔަވަޅު  ތަކުގެ ސަބަބުން ، މި އަހަރު ނިމޭއިރު 2019 ގައި ހުރި މިންވަރަށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިޤްތިޞޯދު ގެންދެވޭނެ ކަމަށެވެ.އެހެންނަމަވެސް ، މި ކާމިޔާބީގެ ހެޔޮ އަސަރު ، އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ، ހުރަސްތަކެއް އެބަހުރިކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ އެންމެ ޒަރޫރީ މުދަލާ ޚިދުމަތުގެ އަގަށް ، ލޮޅުންގެނުވާފަދަ ނާދިރު ހަނގުރާމައިގެ ޙާލަތަކަށް ، ދުނިޔެ މިވަނީ ފެތިފައި ކަމަށާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ، މުޅި ދުނިޔޭގެ އިޤުތިޞޯދަށް ދަނީ ލޮޅުން އަރަމުންކަމަށެވެ.

"އަޅުގަނޑުމެންނާ މާ ދުރުގާ ހިނގަމުންއެދާ ހަނގުރާމައާއެކު ، މިއަދު އަޅުގަނޑުމެން އަނެއްކާވެސް މިތިބީ ، މިދެންނެވި ނުއަތު އޮއިވަރުގެ މެދުގާ، މިހަނގުރާމައިގެ ސަބަބުން ހުރިހާ ޤައުމަކަށް އޮތް ގޮންޖެހުންތަށް ، އަޅުގަނޑުމެންނާވެސް ކުރިމަތިވެއްޖެ، ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް ، އެޅުނު ފިޔަވަޅު ތަކުގެ ހެޔޮ އަސަރާ ، މިހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ ، މަސްތަކެއް ފާއިތުވެއްޖެ " ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވިގޮތުގައި ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ ، މުދަލުގެ އަގު ، އިންތިހާއަށް

އުފުލިއްޖެއެވެ. ނަމަވެސް ، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށާއި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަން ރައީސް ފާހަގަކުރެއްވިއެވެ. ސަބަބަކީ ، އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤުތިޞޯދުގެ ހަމަ ހިފެހެއްޓުމަށް ، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ ، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައިވާއިރު ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން، މިގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ، ރިކަރަންޓް ޚަރަދުތައް ކުރާ މިންވަރު ، މަހުން މަހަށް މި އަންނަނީ ހިފަހައްޓަމުން، ސީދާ ބަޖެޓުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ، ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި، ހަމައެއާއެކު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކާ ، ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަން" ރައީސް ފާހަގަކުރެއްވިއެވެ.

ތެލުގެ ސަބްސިޑީއަށް ، ބަޖެޓްގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން މަތިވެފައިވާކަން ރައީސްގެ ވާހަަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލަ އަކީ ، 341.5 މިލިއަން ރުފިޔާ ކަމާއި އެއީ މުޅިއަހަރަށް ބަޖެޓް ކުރެވުނު މިންވަރު ނަމަވެސް ، މިހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ، ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ، ޖުމްލަ 910.3 މިލިއަން ރުފިޔާ ، ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ލަފާ ކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް މިޙާލަތުގާ ދާނަމަ ، ޖުމްލަ 1.95 ބިލިއަން ރުފިޔާ ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށް ފުރަތަމަ ކަމަކަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއް ސަބްސިޑީއަކީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ ކަމަށާއި މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭކަމަށެވެ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާ އަކީ ، މަސްވެރިންނަށް ބޭނުންވާ ތެޔޮކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ، ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއްކަމަށްވާއިރު މިއީ މިޙާލަތާ ގުޅޭ ގޮތަށް އިޤްތިޞޯދީ ސިޔާސަތަށް ބަދަލުގެންނަން ޖެހޭ ވަގުތު ކަަމަށެވެ.

"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ ، އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ، ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން، މިބަދަލު ތަފްޞީލުކޮށް ، ތަންޒީމުކޮށް ، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށިވާހަކަ ދަންނަވަން، މިއީ ދުޅަހެޔޮ އިގްތިޞޯދީ އޮމާން ދުވެލީގެ ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް ، މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް " ރައީސް ވިދާޅުވިއެވެ.

މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަކީ ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ  ކޮޅިގަނޑަކުން ސަލާމަތްވެ ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށާއި ރައްޔިތުންނަށް ސަރުކާރުން ވީ ވަޢުދުތައް ފުއްދަމުން ، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް ، ސަރުކާރުން އަބަދަވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް