އެމްއެންޕީއަށް ގުޅުމަށް ރައްޔިތުން މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުން މެންބަރު ނާޒިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ތިއްބަވަނީ އެމަނިކުފާނާއި ގާތް ބޭފުޅުންތަކެއް ކަމަށާއި، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް އެމްއެންޕީއަށް ގުޅުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މެންބަރު ނާޒިމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ގިނަ ބޭފުޅުންތަކެއް ޕާޓީއަށް ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނުން އެކަށީގެންވާ ކަމަށެވެ.
ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަނެފައިވެއެވެ.
ނާޒިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެ ޕާޓީގެ ސިޔާސަތަކީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަކޮށް ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް އަޑުގަދަ ކުރުމެއް ނޫން ކަމަށާއި އެ ޕާޓީން ބޭނުން ކުރާނީ ޑިޕްލޮމެޓިކް ގޮތްތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް