ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކަތުރުފަނި މާބޮޑުކޮށްވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި އަޅައިފިކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޤަބޫލުކުރައްވަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ ޓެރަރިސްޓުން ހައްޔަރުކުރަން ކުއްލި ނުރައްކާ އިއުލާން ކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެކޮޅު ހެއްދެވުމުން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މަލީހު ވިދާޅުވީ ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށްވެސް އެމްޑީޕީގައި އަޅައިފިކަން ނަޝީދު ގަބޫލުކުރައްވަންޖެހޭ ކަމަށާއި އެމްޑީޕީގެ އެތެރެ ކޮއިލުގައި މިހާރު ގިނައީ އެހެން ފިކުރުގެ މީހުން ކަމަށެވެ.
"އެއީ އޮޕޯޗުނިސްޓުން. ދައްކަވަން ހުރިތަނެއް ދައްކަވާނެ. މާބޮޑަށް ލަސްވީ. ކުއީން ހޯއްދަވާ." މަލީހް ވިދާޅުވިއެވެ.
ނަޝީދު އަވަހާރަކޮށްލަން މިދިޔޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނު ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އަދި ގައުމީ މަޖިލީހުގެ ހަނި އަޣުލަބިއްޔަތުން އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.
ނަޝީދުގެ މި މުހިންމު ގަރާރާ މެދު ގޮތެއް ނިންމަން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ގައުމީ މަޖިލީހުގެ 148 މެމްބަރުންގެ ތެރެއިން އެންމެ 41 ބޭފުޅެކެވެ. ގަރާރު ފާސްކުރީ ވަރަށް ހަނި އަޣުލަބިއްޔަތެއް ކަމަށްވާ 39 ބޭފުޅެއްގެ ވޯޓުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިޔާސީ ކޯޅުމާ ހެދި، ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު، ނަޝީދުގެ ގަރާރާ މެދު ގޮތެއް ނިންމި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ބައިވެރިވެވަޑައެއް ނުގެންނެވި އެވެ. އެހެންވެ، ގަރާރު ފާސްކުރީ ފެށުނީއްސުރެ ނަޝީދުގެ ކޮންމެ ސިޔާސަތަކާއި ނިންމެވުންތަކަށް ވެސް ތާއީދު ކުރައްވާ ބޭފުޅުންގެ ވޯޓުންނެވެ.
ގައުމީ މަޖިލީހުގެ ކޯރަމަކީ 37 ކަމަށް ވާއިރު، ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެންމެ 41 ބޭފުޅެއް ކަމުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ތާއީދު ވަޒަން ކޮށްލަން ލިބުނު ފުރުސަތެއް ކަމަށް ބުނެ މިހާރު ވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް