އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ގެކޮޅު އަޅާނެ ބިން ކަނޑައަޅައިފި އެވެ.
މި ދެ ބިން ކަނޑައަޅާފައިވަނީ މާލެއިންނެވެ. އެ ބިންތަކުގައި އިމާރާޓް ކުރެވެންދެން ވަގުތީ ގޮތުން އެ ދެ މަގާމުގައި ހުންނަވާ ބޭފުޅުން ދިރިއުޅުއްވާނެ ތަނެއް މިހާރު ވަނީ ކަނޑައަޅާފައި އެވެ.
ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު މީޑިއާގައި ވިދާޅުވީ، މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގަ އެވެ. އެ ބިން މިހާރު ބޭނުން ކުރަމުން ދަނީ ފައިސާ ދައްކައިގެން ވެހިކަލް ޕާކު ކުރާ ތަނެއްގެ ގޮތުގައި އެވެ.
އެ އޮފިޝަލް ވިދާޅުވީ ބިން ހުސްކުރަން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައި ވަނީ މެދުޒިޔާރަތް މަގުން މަޖީދީއްޔާ ސްކޫލުގެ ކުރިމަތީގައި ހުންނަ ސްކައުޓް އެސޯސިއޭޝަން ހިންގި ބިމުގަ އެވެ.
މި ދެ ބިމުގައިވެސް ދެ ގެކޮޅު އިމާރާތް ކޮށްދެނީ ސަރުކާރު ހަރަދުގައި އެވެ.
މި ދެ ބިމުގައި އިމާރާތް އެޅެންދެން ވަގުތީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މ. މުރައިދޫގެ އަދި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ވަނީ ހަމަޖައްސައި ދީފަ އެވެ. މިހާރު ކުރިޔަށް ދަނީ އެ ތަންތަނުގެ މަރާމާތެވެ.
ދައުލަތުގެ ތިން ބާރުގެ ވެރިން ދިރިއުޅުއްވަން ތަނެއް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހައެއް މެއި ގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް