ފިރިމީހާ އޮރިޔާން ފިލްމު އުފެއްދި މައްސަލައިން ޝިލްޕާއަށް ރެކެވޭ ގޮތެއް ނުވި

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފައްދާ މައްސަލައިން އޭނާއަށް ރެކެވޭނެ ގޮތެއް ނެތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އިންޑިއާގެ މުމްބާއީ ފުލުހުން ހިންގަމުންދާ ތަހު...

26 Jul 2021 | 08:32

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފައްދާ މައްސަލައިން އޭނާއަށް ރެކެވޭނެ ގޮތެއް ނެތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ މުމްބާއީ ފުލުހުން ހިންގަމުންދާ ތަހުގީގަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ފުލުހުންގެ ތެރެއިން ވަނީ މީޑިއާއަށް ސިއްރުން ހާމަކޮށްފަ އެވެ. އެ މައުލޫމާތުތަކުގެ އަލީގައި ރިޕޯޓުތަކުގައި ބުނެފައިވަނީ ޝިލްޕާ މަސައްކަތް ކުރަމުންދަނީ އޭނާގެ ބައިވެރިވުމެއް އޮރިޔާން ފިލްމު އުފެއްދުމުގައި ނެތް ކަމާއި އޭނާ ފިރިމީހާ އަކީ އެފަދަ މަސައްކަތެއް ކުރާ މީހެއް ނޫންކަން ދައްކާށެވެ.

ފުލުހުން ބުނީ އޭނާގެ ބައިވެރިވުމެއް އޮތްތޯ ސުވާލު ކުރުމުން ޝިލްޕާ ރޯންފެށި ކަމަށެވެ. އަދި އޭނާ ފަރާތުން ލިބުނު މައުލޫމާތަށް ފުލުހުންގެ ޝައްކުތައް އިތުރުވީ ރާޖގެ މަސައްކަތަކީ އޮރިޔާން ފިލްމު އުފެއްދުން ނޫން ކަމަށާއި އޭނާގެ މަސައްކަތަކީ ދަސްކޮށްދީ އުނގަންނައިދުން ކަމަށް ތަހުގީގުގައި ޝިލްޕާ ބުނުމުންނެވެ.

އެހެންވެ ފުލުހުން ވަނީ ފަހުން ރާޖްގެ ކުންފުނީގެ މުވައްޒަފުންނާއި ސުވާލު ކޮށްފައި އެވެ. ފުލުހުންގެ ތެރެއިން މައުލޫމާތު ދިން ގޮތުގައި އެ ތަނުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކު ވަނީ ކޯޓުގައި ރާޖް އާއި ދެކޮޅަށް ހެކިދޭން އެއްބަސްވެފައި އެވެ.

އަދި އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުން ވަނީ އަނެއްކާވެސް އޭނާގެ އޮފީސް ބަލާ ފާސްކޮށް، ފޮރުވާފައި ހުރި ކަބަޑެއްގެ ތެރެއިން ލިޔެކިޔުންތަކެއް ހޯދާފައި އެވެ. އެ ލިޔެކިޔުންތަކަކީ އޮރިޔާން ފިލްމު އުފެއްދުމާއި ބެހޭ އެއްބަސްވުންތަކަކާއި ބޭންކް މުއާމަލާތްތަކާއި ގުޅޭ ލިޔެކިޔުންތަކެއް ކަމަށްވެ އެވެ.

ޝިލްޕާއަށް މައްސަލައިން ރެކެވެން ނެތްކަމުގެ ހެކި ލިބިފައިވަނީ އެ ލިޔެކިޔުންތަކުންނެވެ. އޭގެ ތެރޭގައި ފައިސާގެ މުއާމަލާތް ހިންގާފައިވާ އެކައުންޓުތަކުގެ ތެރޭގައި ރާޖް އާއި ޝިލްޕާގެ ޖޮއިންޓް އެކައުންޓެއް ހިމެނެ އެވެ. އެހެންވެ ރާޖް އެ ވިޔަފާރި ހިންގާފައި ވަނީ ޝިލްޕާއަށް ނޭނގި ކަމަށް ބުނާ ވާހަކައަކީ ދޮގެއްކަން މިހާރު ޔަގީންވެފައިވެ އެވެ.

އެކަމަކު އޭނާ އެ ވިޔަފާރި ހިންގުމުގައި ބައިވެތިވި ކަމުގެ ސާބިތު ހެކި އަދިވެސް ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ދަނީ ދެމީހުންގެ އެކައުންޓުތަކުގެ ތަފްސީލްތައް ހޯދަމުންނެވެ.

މުމްބާއީ ފުލުހުން ބުނީ ރާޖް ކުންދްރާ އާއި އިތުރު 11 މީހުން ގުޅިގެން 100 އަށްވުރެ ގިނަ އޮރިޔާން ފިލްމު އުފައްދާފައިވާ ކަމަށެވެ. މި މައްސަލައިގަ ރާޖް ހައްޔަރު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް