އަންނަ މަހުގެ ނިޔަލަށް 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

އޯގަސްޓް މަހުގެ ނިޔަލަށް 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދ...

26 Jul 2021 | 08:03

އޯގަސްޓް މަހުގެ ނިޔަލަށް 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ، މިއަންނަ ހަފުތާގެ ތެރޭގައި، މާތް ﷲގެ ވާގިފުޅާއެކު، ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށާއި، މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެވިފައިވާ ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރައްޔިތުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

މި އުފާވެރި މުނާސަބަތުގައި ވެސް، ކޮވިޑާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ސިއްޙީ ޚިދުމަތްތެރިންނާއި ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ، ކޯވިޑް-19ގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައި ވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް