މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކުރުމަށް ހައިކޮމިޝަނަރ ސަންޖޭ ސުދީރު ސަރުކާރަށް އަންގާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރި ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެކަހަލަ އެއްވެސް ވާހަކައެއް ހައިކޮމިޝަނުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"މިއީ ކަނޑައެޅިގެން ދޮގެއް" ފޮރިން މިނިސްޓްރީން އޮފިޝަލަކު ވިދާޅުވިއެވެ.
މީގެ އިތުރުން، މަގު ބަންދުކުރުމާއި ޕޭވްމަންޓް ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވާއިރު، މިއީ ދޮގު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިކަމާއި ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އިންޑިއާއަކީ ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެކަމަކު މި ސަރުކާރު އައިފަހުން އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިމްޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ކަމަށް ބުނެ އެ ފަރާތްތަކުން އަންނަނީ "އިންޑީއާ އައުޓް"ގެ ނަމުގައި ކެމްޕެެއިނެއް ވެސް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް