އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމް ދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ ތިބުން: ރައީސް

އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ ތިބުންކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދަު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމ...

26 Jul 2021 | 05:46

އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ ތިބުންކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދަު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 56 ވަނަ މިިނިވަންދުވަހު ގައުމާ މުހާތަބުކުރައްވައި ދެއްވި  ޚިޠާބުގައެވެ.

ރައީސް ޞާލިހް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ ތިބުންކަމަށެވެ. އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަސްރަކީ، ދީނުގެ އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމް ދީނަކީ، ހައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް ބަޔަކު ވަރަސް ފާޅުގައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މިއީ، މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރަކީ ދީނާ ގުޅުމެއްނެތް ބާތިލު ކަންތައްތަކެއްކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ، އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖްތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއްކަމަށެވެ.

އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ހާލެއްގައި އޮވެގެންނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެ މައްސަލައިގެ ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން. މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، އެކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެ ނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުޖްތަމައު ބައިބައިކުރާ މިފަދަ މައްސަލަތައް އޮތްހާ ހިނދަކު، ޤައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަމަށެވެ. އަދި އެފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ހިނގައްޖެ ނަމަ، ޤައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމުގައި ފާހަަގަކުރައްވާފައެވެ.

ކޯވިޑް-19 އާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީ، ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޠާބުގައި ވިދާޅުވީ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް