ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
މިނިވަން ދުވަހު މުނާސަބާއާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރޭ މި ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާގައި، އެންމެހާ ރައްޔިތުންނަށް، ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތާ އަބަދަަށް ލެއްވުމަށް ދުއާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ.
މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމެވެ.
މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް