އަންނަ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އުމުރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދޭން ސައުދީ އަރަބިއްޔާ އިން ނިންމައިފިއެވެ. އެ ގައުމުން މި ގޮތަށް ނިންމީ މި ދިޔަ އާދީއްތަ ދުވަހުއެވެ.
އާދިއްތަ ދުވަހު ސައުދީން ވަނީ އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތުދޭން ނިންމިކަން ބައިނަލްއަގުވާމީ މީޑިއާތަކުންނާއި އެ ގައުމުގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި ސައުދީގައި އުޅޭ ރައްޔިތުންނަށް މިހާރު އުމުރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ އެގައުމުން ވަނީ ދީފައެވެ.
އުމުރާގެ އަޅުކަން ކުރުމަށް އަލުން ހުޅުވާލާފައިވާ އިރު، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، މިސްރު، ތުރުކީ އަދި އަރޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން ސައުތު އެފްރިކާ އާއި ލެބަނޫނުން ސައުދީއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެހެން ގައުމެއްގައި 14 ދުވަސް ހަމަކޮށްފައި ނޫނީ ސައުދީއަށް ދަތުރުނުކުރެވޭނެއެވެ.
މީގެ އިތުރުން، އުމުރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައުދީން ދޭނީ ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާ ނުވަތަ ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިނެއް ޖަހާފައިވާ މީހެއް ނަމަ، ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާ ނުވަތަ ޖޯންސަން އެންޑް ޖޯންސަންގެ ބޫސްޓަރ ޝޮޓެއް ޖަހަންޖެހެއެވެ.
މި ފުރުސަތު ހުޅުވާލީ އުމުރުން 18 ވެފައިވާ ނުވަތަ 18 އަަހަރުން މަތީގެ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް