މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގައި: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ރައްކާތެރިކަމާއި އަދި ސަލާމަތްކަން ކަށަވަރު ކުރުމުގައިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅު...

26 Jul 2021 | 05:27

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ރައްކާތެރިކަމާއި އަދި ސަލާމަތްކަން ކަށަވަރު ކުރުމުގައިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

56 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަން ގާއިމުކޮށްދިނުމަށް މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމުގައި މި ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.

"މި ސަރުކާރު ދެމި އޮތްހާ ހިނދަކު މާތްﷲގެ ރަހްމަތާއެކުގައި މިއިން އެއްވެސް ކަމަކަށް ބުރޫއަރާކަށް ފުރުސަތެއް ނުދޭނަން. އަދި މި މަސައްކަތުގައި ބޭރުގެ ފަރާތަކުންވިއަސް އަދި އެތެރޭގެ ބާރުތަކުންވިއަސް މިކަމަށް ބުރޫއަރާ ގޮތައް ކުރެވޭ ކޮންމެ ކަމެއް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިވަން ކަމަކީ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށްޓަކައި ކާބަފައިން ގެނެސްދީފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އަދި މިނިވަންކަން ހިމާތްކުރެވޭނީ ގައުމިއްޔަތުގެ އަސާސްތައް ހިމާތްކުރެވެގެން ކަމަށާއި މި ސަރުކާރު ދެމި އޮންނާނީ އެ އަސާސްތައް ހިމާތްކުރުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ދައުލަތުގެ އިސްވެރިންނާއި ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް