ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގެ އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ވިދާޅުވެއްޖެއެވެ.
ދިގު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން މިހެން ވިދާޚުވީ، ހޯމަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ، އެއްވެސް މީހަކު ކުށެއް ކޮށްފިނަމަ އެ ކުށުގެ އަދަބު ލިބުމަކީ ޤާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ ކުށެއް ސާބިތުވެ ޖަލު ޙުކުމެއްގައި ކަމަށެވެ. އެހެންވެ އެ ކަން ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، ޙުކުމެއްގައި ހުންނަވަނިކޮށް ރައީސް ޔާމީން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށެވެ.
ނަމަވެސް، ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނު މިހާރު ވެސް ގެންދަވަނީ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ފެންމަތިވެފައިވާ ގިނަ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތައް މިހާރު ވެސް ގެންދަނީ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންނެވެ.
އެހެންކަމުން 2023 އަށް އެމަނިކުފާނު މިނިވަންވެވަޑައިގަތުމަކީ ވަރަށް ނާދިރު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް