ރައީސް މައުމޫން ވިދާޅުވަނީ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށް!

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި އިރު، އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި އެތައް ބަޔަކު މަރާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް ...

26 Jul 2021 | 05:22

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި އިރު، އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި އެތައް ބަޔަކު މަރާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް އެ މަނިކުފާނު ރައްދުދެއްވައިފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ އޯޑަރަށް މީހުން މަރާފައިވާކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިފައިވާ ކަމަށާއި އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ޝަރީއަތުގެ މަރުޙަލާއިން ވެސް ސާބިތުވެފައިވާކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހަކު މަރާފައިވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މީގެގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ، 3 ނޮވެމްބަރުގައި ހިނގާ ދިޔަ ކަންކަން ތަހުގީގުކުރުމަށްފަހު ޝަރީއަތުގެ މަރުޙަލާއިން ކުށް ސާބިތުވެ މަރުގެ ޙުކުމް އިއްވާފައިވާ މީހުން ތިބި ކަމަށެވެ. އަދި ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ މީހުން ވެސް ތިބިކަމަށެވެ.

އެކަމަކު ރައީސް މައުމޫނު ވިދާޅުވީ، އެ މައްސަލައިގައި ކޮށްފައިވާ މަރުގެ ޙުކުމްތައް މައާފު ކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، މަރުގެ ޙުކުމް އިއްވާފައި ތިބި މީހުން މަރާލުމަށް ޤައުމެއްގެ އިސް ވެރިއަކު ވެސް ލަފާ ދެއްވިކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް