އިދިކޮޅު ފަރާތްތަކުން މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން ނޫސްވެރިންތަކެއް ފުލުހުން ހައްޔަރު ކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިންނާއި މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ސަންގު ޓީވީގެ ނޫސްވެރިންތަކެކެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ނޫސްވެރިން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެ ދެ ސްޓޭޝަނުން ބުނީ ނޫސްވެރިން ހައްޔަރު ކުރުމުގެ ކުރިން މުޒާހަރާ ލައިވް ކުރަމުންދިޔަ ކެމެރާތައް ފުލުހުން ނިވާލަން އެންގި ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ އިކުއިޕްމެންޓުތަކާއި އެކު ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނޫސްވެރިން ހައްޔަރުކޮށްގެން ގެންދިޔައީ ބިޑި އަޅުވައިގެންނެވެ.
ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކާއި ސަންގު ޓީވީގެ ހަތަރު ނޫސްވެރިއަކު ހިމެނެ އެވެ. ނޫސްވެރިން ހައްޔަރު ކުރުމާ އެކު އެ ދެ ޓީވީ ޗެނަލްގެ ލައިވް ފީޑު ވަނީ މެދުކެނޑިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް