ރ. އަތޮޅުގެ ރައްޔިތުންނަށް ވީ ވަޢުދު ޖޫން މަސް ނިމުމުގެ ކުރިން ފުއްދިއްޖެ ކަމަށާއި ހަމަ އެ މޭރުމުން ބ. އަތޮޅަށް ވީ ވަޢުދު ޖުލައި ނިމުމުގެ ކުރިން ފުއްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ފަށާފައިވާއިރު މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާކަމަށެވެ.
"ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް