ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ޗީފް އެގްޒެކެޓިވް އޮފިސަރ (އިންޓަނޭޝަނަލް) އެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ޕީސީބީއިން މިއަދު ކުރި އިއުލާނުގައި ބުނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯއަށް ބޭނުން ވާކަމަށެވެ.
އެ މަގާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަމަކީ، ތަޖުރިބާއާއި ގާބިލް ކަމަށެވެ.
މިއީ ކުންފުންޏެއްގެ ސީއީއޯއަކަށް މީހަކު ހޯދަން ޕީސީބީއިން އިއުލާނުކޮށްފައިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރުން ދޮނުވާ ނަންތަކުންނެވެ.
އިއުލާނުކޮށްފައިވަނީ ސީއީއޯ އިންޓަނޭޝަލަކު ހޯދަންކަމުން އެ މަޤާމަށް ނަގާނީ ބޭރު މީހެއްކަމުގައި ނުވަތަ ބޭރު ކުންފުނިތަކުގައި ތަޖުރިބާ ހުރި އެ ފެންވަރުގެ މީހަކު ކަމުގައި ބެލެވެއެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ އަހްމަދު ޝަމާހުއެވެ. ޝަމާހު ޕީސީބީން މިދިޔަ މެއި މަހު 21 ވަނަ ދުވަހު ވަކި ކުރުމާއި ގުޅިގެން އެ މަގާމު ވަނީ ހުސްވެފައެވެ.
ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18، ގައެވެ. އެ މުއްދަތު ހަމަވާތީ ފަހުން ވަނީ މުއްދަތު އިތުރުކޮށްފައެވެ. މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ 12 ކަމެއް ތުހުމަތުކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް